
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ޝާހިދު ވިދާޅުވީ މަޝްރޫއުތައް ހިންގުމުގެ ނަމުގައި ބިންތައް ނެގިޔަސް، ހަގީގަތުގައި ސަރުކާރުން އެ މަސައްކަތް ފެށީ މާލޭ ސަރަހައްދުގައި އެމްޑީޕީގެ ހަރަކާތްތައް ހުއްޓުވުމަށްް ކަމަށެވެ."މުޒާހަރާއެއް، ޖަލްސާއެއް، އެއްވުމެއް ބާއްވަފާނެ ހުރިހާ ތަނެއް ނެގިޔަސް، އެމްޑީޕީއަކީ ފަހަތަށް ޖެހޭނެ ޕާޓީއެއް ނޫން. އެމްޑީޕީ ދާނީ އަދިވެސް ބާރަށް ކުރިއަށް،" އެމްޑީޕީގެ މިދިޔަ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދު ވިދާޅުވި އެވެ.ޝާހިދު މިފަދައިން ވިދާޅުވެފައިމިވަނީ މާލެ ސިޓީ ކައުންސިލްގެ އިހުތިސޯސްގައިވާ 14 ބިމެއް ސަރުކާރަށް ނެގުމަށް ނިންމި ދަނޑިވަޅާއި ގުޅުވަ އެވެ.މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ބިންތައް ސަރުކާރަށް ނަގަން ނިންމި ނިންމުމަކީ މިސަރުކާރުން ލާމަރުކަޒީ ނިޒާމާ ދެކޮޅަށް، އެ ނިޒާމު ނައްތާލަން ސިލްސިލާކޮށް ރާވަމުން، ކުރަމުންދާ ކަންކަމަށް އިތުރުކޮށްލި ބޮޅެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ."މިއަދު މާލެ ސިޓީން ފެށީ. މި ކަން ސަރުކާރުން ނިންމާނީ ރަށްރަށާއި އެހެން ސިޓީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުރި ބިންތައް ވެސް ނަގާފަ،" ޝާހިދު ވިދާޅުވި އެވެ. ސަރުކާރަށް ނެގި ތަންތަނުގައި ހިމެނޭ ތައިސޭކޮށްޓަކީ އެންމެ ފަހުން އެމްޑީޕީގެ ކޮންގްރެސް ބޭއްވި ތަނެވެ. އެ ތަނުގައި ޓެންޓެއް ޖަހައިގެން އިދިކޮޅު މައި ޕާޓީގެ ކޮންގްރެސް ބާއްވަން ޖެހުނީ ސަރުކާރުން އެހެން ތަނެއް ނުދީގެނެވެ.