
ޝާހިދު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ފަސް ވަނަ ކޮންގްރެސް ނިންމުމަށް ބޭއްވި ޖަލްސާގައި އެވެ.އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ޝާހިދު ވިދާޅުވީ އަތޮޅުތަކުގެ ރަށްރަށުގައިވެސް މިއުޅެނީ ދިވެހި ރައްޔިތުން ކަމަށާއި އެ ރަށްރަށާއި ގުޅިލާމެހިފައިވާ އިޤްތިޞާދެއް ބިނާކުރަންޖެހޭ ކަމަށެވެ.ޝާހިދު ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމަކަށްވާއިރު، ބައިނަލްއަގުވާމީ ގުޅުންތައް ކެނޑުމަކީ އިގުތިސާދަށް ތަހައްމަލު ނުކުރެވޭނެ ވަރުގެ ބޮޑު ގެއްލުމެއް ކަމަށެވެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެވޭނީ އަވަށްޓެރިންނާ ގާތް ގުޅުމެއް ބާއްވައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ."ދުނިޔެ މިދަނީ ދުވަހެއް ދުވަހަކަށް ބަވަނަ ވަމުން. އިންޓަގްރޭޓް ވަމުން. އެކެއް އަނެކެއް ނުލައި މިދުނިޔޭގައި ނޫޅެވޭނެ. އެއް ގައުމެއް އަނެއް ގައުމެއްގެ ޑިޕްލޮމެޓިކް ގުޅުމަކީ މިއަދު ދުނިޔޭގެ އިގުތިސާދުގެ ކަންވާރު. އެކަންވާރު ބުރިވެއްޖެ ނަމަ ރާއްޖެފަދަ ކުޑަ ގައުމެއްގެ އިގުތިސާދަށް އަންނާނީ ހީވެސް ނުކުރާ ފަދަ ލޮޅުމެއް. އޭގެ ނިކަމެތިކަން ތަހައްމަލުކުރަންޖެހޭނީ ވިޔަފާރި ތަކަށާއި އާންމު ރައްޔިތުންނަށް،" ޝާހިދު ވިދާޅުވި އެވެ. ޝާހިދު އިތުރަށް ވިދާޅުވީ، އިންޑިއާ ކަނޑުގައި ވާދަވެރި ހަމަނުޖެހުންތަކަށް ފުރުސަތު ނުދީ، ދިވެހީންނާއި ގުޅުންހުރި ހުރިހާ ގައުމެއް ގޮވައިގެން މި ރާއްޖެ ތަރައްގީ ކުރެވޭނީ، މުސްތަގުބަލަށް އިންގިލާބީ ބަދަލެއްގެ ތަސައްވަރު ކުރެހޭނެ ޕާޓީއަކަށް ކަމަށެވެ. އެ ޕާޓީއަކީ އެމްޑީޕީ ކަމަށް އޭނާ ވިދާޅުވި އެވެ.އަބްދުﷲ ޝާހިދަކީ 2021 އިން 2022 އަށް އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްކަން ކުރައްވައި، އެ މަގާމަށް އިންތިޚާބުވި ފުރަތަމަ ދިވެއްސަށްވުމުގެ ޝަރަފު ހޯއްދަވާފަ އެވެ. 40 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތުގެ އިސް މަގާމްތައް ފުރުއްވި ޝާހިދުވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައެވެ. ޝާހިދަކީ ބައިނަލްއަޤްވާމީ ޑިޕްލޮމަސީއާއި، ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމާއި، ރާއްޖޭގެ ޤާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.