ޔޫނުސް އިބްރާހިމް
15 އޮކްޓޫބަރ 2026 - 16:22
0 comments
ރަސްމާލޭގައި އަބޫދާބީގެ އީގަލް ހިލްސްއިން ހިންގަން ނިންމާފައިވާ މަޝްރޫއުއާ ގުޅޭ ގޮތުން ރައްޔިތުންގެ އާންމު ވޯޓަކަށް ދިޔުމަށް އިދިކޮޅު އެމްޑީޕީން މިއަދު ސަރުކާރަށް ގޮވާލައިފި އެވެ. 
20 ބިލިއަން ޑޮލަރުގެ މި އެއްބަސްވުމަކީ، އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި އީގަލް ހިލްސްއިން ނެރުނު ގުޅިފައިވާ ބަޔާނެއްގައިވާ ގޮތުން، ރާއްޖޭގައި ކުރާ މިފަދަ އެންމެ ބޮޑު އިންވެސްޓުމެންޓެވެ.ރަސްމާލޭގެ 'އާބަން އޭރިއާ'ގައި ތަރައްގީކުރާ މި ވޯޓާ ފްރަންޓު މެރީނާގައި ދުނިޔޭގެ ބޮޑެތި ބްރޭންޑުތަކުގެ ޕްރިމިއަމް ރެޒިޑެންސްތަކާއި ރިސޯޓުގެ އިތުރުން ވޯލްޑް ކްލާސް މެރީނާ އަކާއި ރެސްޓޯރެންޓުތައް އަދި ވޯޓާ ފްރަންޓު ޕްރޮމެނާޑުގެ އިތުރުން ލެޝާ އަދި ވެލްނެސްއަށް ހާއްސަ ސެންޓަރުތައް ހުންނާނެ އެވެ.އެކި ފޭސްތަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއަށް ޖުމްލަ 20 ބިލިއަން ޑޮލަރު އިންވެސްޓު ކުރާނެ ކަމަށް އީގަލް ހިލްސްއިން ބުނެފައިވެ އެވެ.މީގެ އިތުރުން، މި މަޝްރޫއާ އެކު ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.މީގެ އިތުރުން، މި މަޝްރޫއާ އެކު 54،000އެއްހާ ވަޒީފާގެ ފުރުސަތު ހުޅުވޭނެ ކަމަށާއި އަހަރަކު މިލިއަނަކަށް ވުރެ ގިނަ މީހުން އެ ސަރަހައްދަށް ޒިޔާރަތްކޮށް ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ހަމައެކަނި އެ ސަރަހައްދުން 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ނެރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.އެމްޑީޕީގެ ބަޔާނުގައި ގޮވާލާފައިވަނީ:
- ކުންފުންޏާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ ލިޔުމުގައި ހިމަނައިފައިވާ ޝަރުތުތަކާއި އެންމެހައި ކަންކަން ދިވެހިރައްޔިތުންނަށް އަވަހަށް ހާމަކުރަން
- އެއްބަސްވުން ދެމިގެންދާނެ މުއްދަތާއި، ދިވެހި ދައުލަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި، އުފުލަންޖެހޭ މާލީ އިލްތިޒާމުތަކާއި، ބޭރުގެ ފަރާތަށް ދޭ މާލީ ލުއިތަކާއި އިސްތިސްނާތަކާއި، އަދި އެ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި އެންމެހައި ޒިންމާތައް ރައްޔިތުންނަށް ސާފުވާނެހެން، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވާ އެންމެހައި ކަންކަމުގެ ތަފްސީލުތައް ހާމަކުރަން
- ރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުވާނެ އެއްވެސް އުސޫލަކަށް އެއްބަސްވެފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކޮށްދޭން
- މަޝްރޫއުގެ ދަށުން ހިންގާ އެއްވެސް މުއާމަލާތެއްގެ ސަބަބުން، މުސްތަގުބަލުގައި ދިވެހި ބިމުގެ މައްޗަށް ބިދޭސީންގެ ދާއިމީ މިލްކުވެރިކަމުގެ ހައްގެއް އުފަންވެދާނެފަދަ އެއްވެސް ކަމެއްވެސް ހިމެނިފައިވާކަން ނުވަތަ ނޫންކަން ސާފުކޮށްދޭން.
އެމްޑީޕީން ބުނީ ރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުވާނެ ފަދަ އެއްވެސް ސިޔާސަތެއް އެކަށައެޅުމުގެ ބާރު ނުވަތަ އެއްބަސްވުމެއް ހެދުމުގެ އިހުތިޔާރު ސަރުކާރަކަށް ނޯންނާނެ ކަމަށާއި އެ ކަމާ މެދު ގޮތެއް ނިންމާ ނަމަ އެކަން ނިންމަން ވާނީ ސީދާ ދިވެހި ރައްޔިތުން ކަމަށެވެ.
ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމާއި، އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައިކަމަށް ގާނޫނުއަސާސީގައި ކަނޑައަޅައިފައިވުމުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓެއް މެދުވެރިކޮށް، ރައްޔިތުން އެ ކަމުގައި ދެކޭގޮތް ބެލުމަށްފަހުގައި ނޫނީ، ރައްޔިތުންގެ ނަމުގައި މިފަދަ މުއާމަލާތްތަކަށް ނުވަނުމަށް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.
މި މަޝްރޫއަށް ފައިނޭންސް ކުރާނެ ގޮތްތަކާއި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެ އިރެއް އަދި ހާމައެއް ނުކުރެ އެވެ.