ޔޫނުސް އިބްރާހިމް
12 އޮކްޓޫބަރ 2026 - 13:55
0 comments
މި ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސް އަށް ދީގެން ރަސްމާލޭގައި ހިންގަން ނިންމާފައިވާ މަޝްރޫއާމެދު މި ސަރުކާރުގައި ކުރިން ފޮރިން މިނިސްޓަރުކަން ކުރެއްވި ޑރ. އަބްދުﷲ ހަލީލު ވެސް ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
މި މަޝްރޫއާ ގުޅޭގޮތުން ބަންޑާރަނައިބު އަހުމަދު އުޝާމް މީގެ ކުރިން ވިދާޅުވެފައިވަނީ، ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާނީ އަލަށް އެކުލަވާލާ ރިއަލް އެސްޓޭޓް ގާނޫނެއްގެ ދަށުން ކަމަށެވެ. އަދި އަމަލީ މަސައްކަތް ފެށޭނީ ރައްޔިތުންގެ މަޖިލީހުން އެ ގާނޫނު ފާސްކޮށް، އިތުރު މަޝްވަރާތަކަށްފަހު ފަހު އެއްބަސްވުންތަކުގައި ސޮއިކުރުމުން ކަމަށް ބަންޑާރަނައިބު ވިދާޅުވެފައިވެއެވެ.މި މަޝްރޫއުގެ އެންމެ މުހިންމު އެއް ބަޔަކީ ހުޅުމާލޭގައި ތަރައްގީކުރާ 5،000 ހައުސިން ޔުނިޓެވެ. އަލްޢައްބާރު އަންދާޒާކުރައްވާ ގޮތުގައި މި ބަޔަށް ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ޚަރަދުވާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި، ފުރަތަމަ އިންވެސްޓްމަންޓެއްގެ ގޮތުގައި ހައުސިން މަޝްރޫއަށް ފައިސާ ހަމަޖައްސާނީ އީގަލް ހިލްސްއިންނެވެ. އަދި އެ ފައިސާ އަނބުރާ ހޯދާނީ ރަސްމާލޭގެ ބޮޑު މަޝްރޫއު ކުރިއަށްދާ ވަރަކުންނެވެ.ސޯޝަލް މީޑިއާގައި އޭނަ ވިދާޅުވީ ރަސްމާލޭގެ އިންވެސްޓްމަންޓްއާ ގުޅޭ ގޮތުން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑެތި އަދި ޙައްސާސް ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ."އަޅުގަނޑު ދެކޭ ގޮތުގައި، ގައުމާ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށް ދޭން އައްޔަންކޮށްފައި ތިބި ވެރިންގެ ޙައިސިއްޔަތުން ސަރުކާރުން ކުރަންވީ ކަމަކީ، އެ ކަންބޮޑުވުންތަކަށް ޙައްލުތަކެއް ލިބޭނެ ފަދަ ޖަވާބުތަކެއް ރައްޔިތުންނަށް ދިނުން." އޭނަ ވިދާޅުވި އެވެ.އެގޮތުން ހަލީލު ވަނީ މަޝްރޫއާ ގުޅޭ ގޮތުން ސަރުކާރުން ސާފުކޮށްދޭން ޖެހޭ މައިގަނޑު 7 ސުވާލެއް ތިލަ ކުރައްވައިފަ އެވެ.1. ރަސްމާލެ ހިއްކުމަށް މިހާތަނަށް ދައުލަތުން ޚަރަދުކޮށްފައިވަނީ ކިހާ މިންވަރެއްތޯ؟
2. ރަސްމާލޭގެ ބިމާއި ވަށައިގެންވާ ފަޅުގެ އަގުމަގު ކުރެވިފައިވޭތޯ؟ އަދި އެއީ ކިހާވަރެއްތޯ؟
3. އިންވެސްޓްމަންޓުން އަޕްފުރަންޓް ޕެއިމަންޓްގެ ގޮތުގައި އެއްވެސް އެއްޗެއް ލިބޭތޯ؟ އަދި އެއީ ކިހާ މިންވަރެއްތޯ؟
4. އިންވެސްޓް ކުރާ ފަރާތާއި ސަރުކާރުގެ ބައެއް ވެރިންގެ ޢަދަދުތަކުގައި ބޮޑެތި ފަރަގުތަކެއް އެބަހުރި. އެހެންކަމުން، ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އަކީ ކޮބާތޯ؟ އަދި ވިޔަފާރީގެ ޓެކްސް ނުހިމަނާ، ޕްރޮޖެކްޓްގެ ތެރެއިން ދައުލަތަށް/ ރައްޔިތުންނަށް ލިބެނީ ކޯއްޗެއްތޯ އަދި ކިހާ މުއްދަތެއްގެ ތެރޭގައިތޯ؟
5. ބިމުގެ މިލްކްވެރިކަން ދޫކުރަނީ ދާއިމަށްތޯ؟ ބިމުގެ މިލްވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު، 99 އަހަރު އަލަށް ފެށޭތޯ؟
6. 5000 ހައުސިން ޔުނިޓް ބިނާ ކުރަނީ ދައުލަތަށް ލިބޭ ފައިސާއިންތޯ ނުވަތަ ނޫންތޯ؟
7. މި އިންވެސްޓްމަންޓްގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ/ރައްޔިތުންގެ އެއްވެސް ޙައްގެއް ގެއްލޭތޯ؟ހަލީލު ވިދާޅުވީ މި ނޫން ވެސް ރައްޔިތުންގެ ފަރާތުން ސާފުކުރަން ބޭނުންވާ ކަންކަމަށް އީޖާބީ ޖަވާބުތަކެއް ދިނުން ލާޒިމް ކަމަށެވެ.ރަސްމާލެ ހިއްކަން ފެށީ އެތަނަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް ހާއްސަކޮށް ހިއްކާ ރަށެއް ކަމަށް ބުނެ އެވެ. އަދި ރަސްމާލޭ ބޭރުގެ ބަޔަކަށް ކުއްޔަށް ވެސް ނުދެއްވާނެ ކަމަށް ސީދާ ރައީސް މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.