
އީ-ޕެޓިޝަންގައި ބުނެފައިވަނީ މަޖިލިސް މެންބަރުން އަމިއްލައަށް ހަދައިގެން އުޅޭ ގާނޫނު ތަކުގެ ނަތީޖާއެއްގެ ގޮތުން މަޖިލިސް މެންބަރުކަން އަދާ ކުރަމުންދާ މެންބަރުންނާއި އެ މެންބަރުންގެ އަނބި/ފިރިންނާއި 18 އަހަރު ނުވާ ކުދިންގެ އިތުރަށް މެންބަރުކަން އަދާކޮށްފައިވާ ހުރިހާ ބަޔަކަށްވެސް އުމުރު ދުވަހަށް ރައްޔިތުންގެ ފައިސާއިން ރާއްޖެއާއި ސާކް ގައުމުތަައް އަދި އާސިއާންގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެ ފަދަ މެޑިކަލް އިންޝުއަރެންސްއަކަށް ރައްޔިތުންގެ ފައިސާއިން ހަރަދު ކުރަން ޖެހޭ ކަމަށެވެ.މިގޮތުން 2015-2025 އަށް މަޖިލިސް މެންބަރުންގެ ހެލްތު އިންޝުއަރެންސް ޕްރިމިއަމް އަށް 100000000 ހާ ރުފިޔާ ހަރަދުކޮށްފައިވާކަން އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ. އަދި މެންބަރުކަން ކުރެއްވުމަށްފަހު ވަކިވެވަޑައި ގަންނަވާ ކޮންމެ މެންބަރަކަށް އުމުރު ދުވަހަށް މި އިންޝުއަރެންސް ދޭން ޖެހޭތީ މިއަދަދުތައް ދާނީ އަހަރަކަށް ވުރެ އަހަރެއް އެތައް ގުނައެއް އިތުރުވަމުން ކަމަށް ބުނެފައިވެ އެވެ.މި ޕެޓިޝަނުގައި ވަނީ އާންމު ރައްޔިތުންނަށް ނުލިބޭ ސިއްހީ އިންޝުއަރެންސެއް އާންމު ރައްޔިތުންގެ ފައިސާއިން އެ އާންމުން ތަމްސީލް ކުރަން މަޖިލީހަށް ވަޑައިގަންނަވާ މެންބަރުންނަށް ދިނުމަކީ ތަސައްރަފު ފުދިފައިވާ އެއްވެސް ސިޔާސީ ނިޒާމެއް ދަންނަ ކަމެއް ނޫން ކަމަށާއި އަދި ރާއްޖެއަށް ވުރެ އެތައް ގުނައެއް މުއްސަނދި ގައުމުތަކުންވެސް ކުރާ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.ދައުލަތަކުން ދޭ އަސާސީ ސިއްހީ އިންޝުއަރެންްސް އަކީ ހުރިހާ ރައްޔިތުންނަށް އެއް ހަމައެއްގައި އެއްވަރަކަށް އަދި އެއް އުސޫލަކުން ދޭންޖެހޭ އެއްޗެއް ކަމަށާއި ވަކި މަގާމެއްގައި ހުރުމަކީ ރައްޔިތުންގެ ޓެކްސް ފައިސާ އިން އިތުރު މޮޅު ބޮޑު ސިއްހީ އިންޝުއަރެންސް އަކަށް ހަރަދު ކުރެވެން ޖެހޭ ސަބަބެއް ނޫން ކަމަށް ޕެޓިޝަނުގައި ވަނީ ބުނެފަ އެވެ.އެގޮތުން މި ޕެޓިޝަނުގައި ވަނީ ކުރީގެ އަދި މިހާރުގެ މަޖިލިސް މެންބަރުންނާއި އެ މެންބަރުންގެ އާއިލާތަކަށް ޓެކްސް ފައިސާއިން ހަރަދުކޮށް ދޭ ޕްރިމިއަމް ސިއްހީ އިންޝުއަރެންސް އުވާލައި އެކަން މަޖުބޫރު ކުރާ ގާނޫނުތައް އިސްލާހުކޮށް، ހުުރިހާ މަޖިލިސް މެންބަރުންނަކީވެސް އާންމު އެހެން ހުރިހާ ދިވެހިންނަށް ލިބޭ ގައުމީ ސިއްހީ އިންޝުއަރެންސް އާސަންދާ އަދި އެންސްޕާއިން ސިއްހީ އިންޝުއަރެންސް ލިބޭ ބަޔަކަށް ބަދަލުކުރުމަށް ގޮވާލާފަ އެވެ.މީގެއިތުރުން މަޖިލިސް މެންބަރުންނަކީ އާންމު ދިވެހި ރައްޔިތަކަށް ނުލިބޭ އިތުރު ހާއްސަ އެއްވެސް ސިއްހީ އިނާޔަތެއް ނުވަތަ އިންޝުއަރެންސެއް ނުލިބޭނެ ބަޔަކަށް ހަދާ ޓެކްސް ފައިސާއިން ހަރަދުކޮށް ދޭ އަސާސީ ސިއްހީ އިންޝުއަރެންސްގައި މަޖިލިސް މެންބަރުންްނާއި އާންމު ރައްޔިތުންގެ ފަރަގު އަދި ތަފާތު ކުރުންތައް ނައްތާލާ ހަމަހަމަ ކުރުމަށް ވެސް ޕެޓިޝަނުގައި ގޮވާލާފައިވެ އެވެ.އެ ޕެޓިޝަނަށް ސޮއި ހޯދުމަށް އަދި ބާކީ 6 ދުވަސް އެބައޮތެވެ. މި ޕެޓިޝަން މަޖިލީހަށް ހުށަހެޅީ، އާންމުންގެ ޖަމިއްޔާގެ ފައުންޑަރު - ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދެވެ. ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ގަވާއިދުގައި އޮންނަ ގޮތުން މަދުވެގެން 2،100 ސޮއި ހަމަވާ ޕެޓިޝަންތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުން ބަހުސްކުރަން ޖެހޭނެ އެވެ. އަދި މަޖިލީހުން އެންމެ އިސްކަމެއްދެވޭ މައްސަލައެއްގެ ގޮތުގައި، ޕެޓިޝަންގައި ހިމެނޭ ކަންކަމާ މެދު ގޮތެއް ނިންމަން ޖެހޭނެ އެވެ.