ޚަބަރު
އިންޖިނިއަރިން ދާއިރާއިގެ އެކި ތަހުލީލުކުރެވޭ މަތީފެންވަރުގެ އިމާރާތެއް އަޅަނީ
ދިވެހިރާއްޖޭގައި އިންޖިނިއަރިންގެ އެކި ދާއިރާތަކުން ކިޔަވާ ކުދިންނަށް ދިރާސާތަކާއި ތަހުލީލުތައް ކުރެވޭނެ އެންމެ މަތީ ފެންވަރުގެ (ސްޓޭޓް އޮފް ދަ އާޓް) ލެބޯޓްރީ ފެސިލިޓީއެއް ހިމެނޭ ޚާއްސަ އިމާރާތެއް އެޅުމަށް ސަރުކާރުން ނިންމައިފި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތުގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި އެންމެ މަތީ ފެންވަރުގެ ލެބޯޓްރީ ފެސިލިޓީތަކާއެކު ގާއިމުކުރާ މި އިމާރާތަކީ ދިވެހި ދަރިވަރުންގެ އިތުރުން ރާއްޖޭން ބޭރުގެ ދަރިވަރުންނަށް ވެސް ތަހުލީލުތަކާއި އެކްސްޕެރިމަންޓްތައް ހެދޭނެ ތަނަކަށް ވެގެންދާނެ ކަމަށެވެ.

"މިކަމަށް ޓަކައި ބޭނުންވާ އިންވެސްޓްމަންޓުގެ މަސައްކަތް ސަރުކާރުން ކުރިޔަށްގެންދާނެ. މިކަން ކުރިޔަށްގެންދާނީ ސަރުކާރުގެ ބަޖެޓަށް ބުރަނުވާނެ ގޮތަކަށް ދެމެހެއްޓެނިވި ގޮތެއްގައި. އިރާދުކުރެއްވީއްޔާ މިކަންވެގެންދާނީ ދިވެހިރާއްޖޭގެ އެކިއެކި އިންޖިނިއަރިންގެ ދާއިރާތަކުން ކިޔަވަން ބޭނުންވާ ކުދިން އިތުރުވެގެން ދިއުމަށާއި އަދި ރާއްޖެއަކީ އިންޖިނިއަރިންގެ އެކި ފީލްޑުތަކުގައި ތަރައްޤީވެގެން މަތިވެދާނުގައި ވަރަށް މަތިފެންވަރަކަށް ގެންގޮސްދެވޭނެ ކަމަކަށް،" ރައީސް ވިދާޅުވި އެވެ.

މި އިމާރާތުގެ ބޭނުމަކީ ރާއްޖޭގެ ދަރިވަރުންގެ އިތުރުން ބޭރު ޤައުމުތަކުން ވެސް ރާއްޖެއަށް އައިސް ދިރާސާތައް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި މަޝްރޫއުގެ ފަންނީ މަސައްކަތްތަކާއި އިންވެސްޓްމަންޓްގެ ކަންކަން ކުރިއަށް ގެންދާނީ ސަރުކާރުގެ ބަޖެޓަށް ބުރަނުވާނެ ގޮތަށް، ދެމެހެއްޓެނިވި އުސޫލުން ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން އިންޖިނިއަރިން ދާއިރާއިން ކިޔަވަން ބޭނުންވާ ކުދިންނަށް ބޮޑު ހިތްވަރެއް ލިބި، މި ފީލްޑްތަކުގައި ރާއްޖެ ވަރަށް މަތީ ފެންވަރަކަށް ތަރައްގީވާނެ އެވެ.

މެސެޖު ނިންމަވާލައްވަމުން ރައީސް ވަނީ ރާއްޖޭގެ ހުރިހާ އިންޖިނޭރުންނަށާއި، މި ދާއިރާއިން ކިޔަވަމުންދާ ދަރިވަރުންނަށް އަދި މީހުން ބިނާކުރުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ދުވަހުގެ ހެޔޮއެދުމާއި ޝުކުރު އަދާކުރައްވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު