ޚަބަރު
ރައީސާ ބައްދަލު ކުރަން އިތުރު 8 ދާއިރާއަކަށް ފުރުސަތު ހުޅުވާލައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވަން އެދޭ މީހުންނަށް އެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ "ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ އަށް ދާއިރާއަކަށް ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި، ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން މިފަހަރު ފުރުސަތު ހުޅުވާލާފައިވަނީ ހެންވޭރު އުތުރު ދާއިރާ، މިލަންދޫ ދާއިރާ، ވެލިދޫ ދާއިރާ، ތުޅާދޫ ދާއިރާ، ފެލިދޫ ދާއިރާ، މުލަކު ދާއިރާ، ނިލަންދޫ ދާއިރާ އަދި ގުރައިދޫ ދާއިރާގެ ރައްޔިތުންނަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ނަން ނޯޓުކުރެވޭނީ އެކަމަށް ޚާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ. ރައީސް އޮފީހުން ބުނީ އަންނަ ހޯމަ ދުވަހުގެ ރޭ 12:00 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ނަން ނޯޓުކުރަން ޖެހޭނެ ކަމަށެވެ.

"ރައްޔިތުންގެ އަޑު" އަކީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން ބޭނުންވާ މީހުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުސަތު ދިނުމަށްޓަކައި ފަށާފައިވާ ސިލްސިލާއެއް ކަމަށް އެ އޮފީހުން ބުނެފައިވެއެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލު ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.

މި ފުރުސަތު އާންމުންނަށް ދޭން ފަށާފައިވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނާއި މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ އެކު އެ މަނިކުފާނު ވަކިވަކިން ބައްދަލުވުންތައް ބޭއްވެވި އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު