ޚަބަރު
ރުފިޔާއިން މުސާރަ ދިނުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަނީ
ސަރުކާރުން ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލުތަކާ ގުޅިގެން، ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު ދިވެހި ރުފިޔާއަށް މާރުކުރަން ޖެހޭ ގޮތަށް ނިންމުމުން، ރިސޯޓު މުވައްޒަފުންގެ މުސާރަ ޑޮލަރުން ނުލިބިދާނެތީ އެކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ. 

ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން އިސްނަގައިގެން ކުރިއަށްގެންދާ މި ހަރަކާތަކީ މުވައްޒަފުންގެ ހައްގުތަކަށް އުނިކަން ލިބިދާނެތީ ކުރިއަށްގެންދާ މަސައްކަތެކެވެ.


ޓީމުން ބުނެފައި ވަނީ ސަރުކާރުން ޑޮލަރު މާރުކުރުން މަޖުބޫރުވާ ގޮތަށް ފާސްކުރި ގާނޫނާ ގުޅިގެން، މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް ދަތިތަކާ ކުރިމަތިވެ، ބައެއް ރިސޯޓުތަކުން ޑޮލަރުން މުސާރަ ނުދެވޭނެ ކަމަށް އަންގަމުންދާ ކަމަށެވެ. އެހެންވެ. ރިސޯޓުތަކުގެ ވީހާވެސް ގިނަ މުވައްޒަފުން އެ ޕެޓިޝަންގައި ސޮއިކޮށް، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ޓީމުން ވަނީ ގޮވާލައިފަ އެވެ.

އެ ޕެޓިޝަންގައި ރިސޯޓުތަކުގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުން މިހާރު ދަނީ ސޮއިކުރަމުންނެވެ.

ޑޮލަރުން މުސާރަ ދިނުން ހުއްޓާލުމާ ގުޅޭ ގޮތުން ގަވަރުނަރު ވިދާޅުވީ އެމްއެމްއޭގެ ތަސައްވަރަކީ ދިވެހި ރުފިޔާއަށް ރާއްޖޭގެ އެތެރޭގެ ހުރިހާ މުއާމަލާތެއް ބަދަލުވުން ކަމަށެވެ.

"މުސާރަތައް ވެސް މިހާރު މިސާލަކަށް މި ދެނީ، ޓީއެމްއޭއަށް ބެލި ނަމަވެސް، ރިސޯޓުތަކަށް ބެލި ނަމަވެސް ޑޮލަރުން. އެހެންވީމާ ޑޮލަރުން މުސާރަ ދިނުމުގެ ކަންތަކަށް ވެސް ބަދަލެއް އަންނަން ޖެހޭނެ. އޭރުން ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑު އިތުރުވެގެން ދާނީ،" މުނައްވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާރު ވެސް ރާއްޖޭގެ އެތެރޭގެ މާކެޓުގައި ބޭރު ފައިސާ ބޭނުންކުރާ ނިސްބަތް ހުރީ %40 އިން މަތީގައި ކަމަށެވެ.

"މިހާރު ވެސް އަޅުގަނޑު ތިއިން ބޭފުޅަކަށް ޑޮލަރު ނަގާފައި ދިއްކޮށްފި ނަމަ، ޑޮލަރު އެކްސްޕެކްޓް ކުރާނެ. ހަގީގަތުގައި މަނިޓަރީ ޕޮލިސީގެ އިފެކްޓިވްނެސްއެއް ނާދޭ ދިވެހި ރުފިޔާއަށް ޑިމާންޑު ނާންނަ ކަމުގައިވާ ނަމަ،" މުނައްވަރު ވިދާޅުވި އެވެ.

"އެމްއެމްއޭގެ ވިޝަންއަކީ 2030އާ ހަމައަށް މި ބަދަލުތައް ގެނެވިގެން ދިއުން."

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު