ޚަބަރު
ރިސޯޓު ވިޔަފާރިތައް ބަނގުރޫޓުވެ، ވަޒީފާތައް ގެއްލި ދާނެ: ނަޝީދު
ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ މާރުކުރަން މަޖުބޫރުކުރުމުން ރިސޯޓު ވިޔަފާރިތައް ދެކޮޅު ނުޖެހި ބަނގުރޫޓުވެ، އެ ވިޔަފާރިތަކާ ގުޅުންހުރި ދެން ހުރި ވިޔަފާރިތަކަށް އަސަރުކުރާނެ ކަމަށް، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެންވިދާޅުވެފައިވާއިރު ރިސޯޓު އާމްދަނީގެ 40 އިންސައްތަ މާރުކުރަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ ފާސްކޮށްފަ އެވެ. އެގޮތުން ރިސޯޓުތަކުގެ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު އެއްފަހަރު މާރުކުރަން ޖެހޭ ގޮތަށް މަޖިލީހުން ފާސްކޮށްފައިވާއިރު އެ ނިއްމުމާއި ގުޅިގެން މަޓީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެެެރެފަ އެވެ. މަޓީން ބުނީ ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރުމަކީ އެ ވިޔަފާރިތަކަށް ތަހައްމަލު ކުރެވޭނެ ބުރައެއް ނޫން ކަމަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ތަނަވަސްކަން ހޯދެނީ ވިޔަފާރިވެރިޔާ ވެސް މަސައްކަތް ކުރާ މީހާވެސް ހުރީތީ ކަމަށާއި ވިޔަފާރިވެރިޔާ ހޯދާ މުއްސަނދި ކަމަކީ އޭނާގެ މަސައްކަތުން ހޯދާ މުއްސަނދި ކަމެއް ކަމަށެވެ. ވިޔަފާރިވެރިޔާ ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓް ދިވެހި ރުފިޔާއަށް މާރު ކުރުމަށް މަޖުބޫރު ކުރުމުން އެ ވިޔަފާރިތައް ދެކޮޅު ނުޖެހި ބަނގުރޫޓު ވެދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ވިޔަފާރިވެރިޔާ ބަނގުރޫޓު ވީމާ މީހުންގެ ވަޒީފާތައް ގެއްލޭނެ. ރިސޯޓު ވިޔަފާރިވެރިޔާ ގުޅުން ހުރި ދެން ހުރި ހުރިހާ ވިޔަފާރިއަކަށް އަސަރުކުރާނެ. މި ސަރުކާރު މި ގެންދަނީ ރާއްޖެ ބަނގުރޫޓު ކުރަމުން،" ނަޝީދު ވިދާޅުވި އެވެ.

ރިސޯޓުތަކަށް މަހަކު ލިބޭ ޑޮލަރު އާމްދަނީގެ %40 ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކަށް މާރުކުރަން ޖެހޭގޮތަށް އިސްލާހު ގެނައި އިރު:

  • ޓޫރިސްޓު ހޮޓާ އަދި ގެސްޓުހައުސް ފަދަ ތަންތަނަށް އަންނަ ކޮމެން ޓޫރިސްޓަކަށް މަހެއްގެ ތެރޭ ބޭރު ފައިސާގެ އާމްދަނީގެ %20 މާރު ކުރަންޖެހޭ ގޮތަށް އިސްލާހު ގެނައުމަށް ވަނީ ފާސްކޮށްފައި

  • ޓޫރިސްޓު ހިދުމަތްދޭ ތަންތަނާއި މާލީ އިދާރާތައް ފިޔަވާ ބޭރު ފައިސާ އިން އާމްދަނީ ލިބޭ މީހުންގެ ތެރެއިން15 މިލިއަން ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ މީހުންގެ އާމްދަނީގެ %40 ވެސް މާރު ކުރަންޖެހޭ


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު