ޚަބަރު
ހުއްދަ ނެތި ޑޮލަރު ވިއްކާނަމަ ރިޕޯޓުކުރަން އެދިއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް، ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން ރޭ ބުނި ގޮތުގައި، އެފަދަ ފަރާތްތަކާ ގުޅޭ މައުލޫމާތު ދޭން:

  • ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733އަށް މެސެޖުކުރެވޭނެ 

  • މި ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށް ވެސް މައުލޫމާތު ހިއްސާކުރެވޭނެ

"މި ނަންބަރަށް މެސެޖުކޮށް މައުލޫމާތު ހިއްސާކުރައްވާ ފަރާތްތަކުގެ ވަނަވަރާއި މައުލޫމާތުތައް ފުރިހަމައަށް ރައްކާތެރިކޮށްދެވޭނެކަމުގެ ޔަގީންކަން އަރުވަމެވެ. އަދި މިގޮތަށް މައުލޫމާތު ދެއްވާ ފަރާތްތަކުން، މައްސަލައިގެ ތަހުގީގީ އެއްވެސް އިޖުރާއަތެއްގައި ބައިވެރިވާން ނުޖެހޭނެކަމުގައި ދަންނަވަމެވެ،" ފުލުހުން ބުންޏެވެ.

ގާނޫނާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ ތަންތަނުގެ މައުލޫމާތު ހިއްސާ ކުރަން ފުލުހުން އެދިފައިވާއިރު، ލައިސެންސް ނެތި ހިންގާ މަނީ އެކްސްޗޭންޖް އޮފީހެއް އިއްޔެ ފުލުހުން ވަނީ ފުރަތަމަ ފަހަރަށް ރެއިޑްކޮށް، އެތަނުގެ ބޭންކް އެކައުންޓުތައް ފްރީޒްކޮށްފަ އެވެ.

މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ބަންދު ކޮށްފައި ވަނީ "ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް" ކިޔާ ކުންފުންޏެކެވެ.

ފުލުހުން ވަނީ ގަވާއިދާ ހިލާފަށް، ހުއްދަ ނެތި ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތް ކުރަމުން ދިޔަ ހަ ބިދޭސީއަކު ވެސް އަތުލައިގެންފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު