ޚަބަރު
މަޖިލިސް މެމްބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް!
ރައްޔިތުން ހޮވާ މަޖިލިސް މެމްބަރުން ވަކި ކުރުމުގެ ބާރު އެ ރައްޔިތުންނަށް ދިނުމަށް ގޮވާލާ ޕެޓިޝަނެއް މަޖިލީހަށް ހުށައަޅައިފި އެވެ.

އޮގަސްޓް 24 ވަނަ ދުވަހު ސޮއިކުރަން ހުޅުވާލި އެ އީޕެޓިޝަނަށް މިހާތަނަށް 1083 އަށް ވުރެ ގިނަ ސޮއި ވަނީ ހަމަވެފަ އެވެ. 

ހ، ޕްލިޒެންޓްވިލާ، ކ. މާލެ، މުހައްމަދު ޖަލާލު ނަސީމް ހުށަހެޅުން:

ފުރިހަމަ ދިމުްކުރާތީ ނިޒާމަކަށް ކުރި ދަތުރުގެ ތެރެއިން ދިވެހިންނަށް ލިބުނު އެންމެ ބޮޑު އެއް ބާރަކީ ކޮންމެ ރައްޔިތަކަށްވެސް އެ ރައްޔިތަކު ނިސްބަތްވާ ދާއިރާއަކުން ރައްޔިތުން ތަމްސީލު ކުރާނެ މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް ހޮވުމުގެ ބާރެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޒިންމާތައް ވަނީ ދާއިރާތަކާއި އެ ދާއިރާތަކުގެ ރައްޔިތުންނާއި ނުހަނު ގުޅިފަ އެވެ.

2024 ވަނަ އަހަރު ތަސްދީގު ކުރެވެނު އެންޓި ޑިފެކްޝަން ގާނޫނުގައި ރަނގަޅު ކަންތައްތަކެއް ހުއްޓެވެ. ކުލަ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް އޮތުން ފަދައެވެ. ނަމަވެސް މެމްބަރު ނިސްބަތްވާ ޕާޓީ އިން އެ މެމްބަރު ވަކި ކުރުމުންވެސް ގޮނޑި ގެއްލޭގޮތަށް އޮތުން ގޯހެވެ. ހާއްސަކޮށް އެ މެމްބަރު ހޮވި ރައްޔިތުންނަށް އެ ބާރު ނުލިބޭއިރު އެވެ. ހަގީގަތުގައި މެމްބަރު ގޮނޑި އާއި ދުރަށް ލުމުގެ ބާރު އޮންނަން އެންމެ އައުލާކަން ބޮޑީ އެ ގޮނޑީގައި މެމްބަރު ބެއިންދި ރައްޔިތުމީހާ އަތުގަ އެވެ.

ރިޔާސީ ނިޒާމެއްގައި މަޖިލީހަށް ކުރިމަތިލާ އިރު ނިސްބަތްވާ ޕާޓީ ރަމްޒުކޮށްދެނީ ހަމައެކަނި އޭނާގެ ފިކުރު ހިނގާނެ މައިގަނޑު މިޝްރާބެވެ. އެއްވެސް ހާލެއްގައި މަޖިލީހަށް ހޮވޭފަހުން އޭނަ ގޮނޑީގައި އިނދެ ތަމްސީލު ކުރަނީ ޕާޓީއެއް ނޫނެވެ. ތަމްސީލު ކުރަނީ ދާއިރާއެވެ. އޭނައަށް ވޯޓު ލީ މީހުންނާއި ނުލާ މީހުންނެވެ. އޭނާގެ ފިކުރަށް ނިސްބަތްވާ މީހުންނާއި ނިސްބަތް ނުވާ މީހުންނެވެ. އެކި ޕާޓީތަކުގެ މެމްބަރުންނާއި އެއްވެސް ޕާޓީއަަކަށް ނިސްބަތް ނުވާ މީހުންނެވެ. މަޖިލީހަށް މެމްބަރު ހޮވޭއިރު އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ އެތައް ރައްޔިތުންނެއްވެސް އޭނާއަށް ވޯޓު ދޭނެއެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ މެމްބަރު ވަކިކުރުމުގެ ބާރު ސީދާ އެ ދާއިރާއެއްގެ ރައްޔިތުންގެ އަތުގައި އޮތުމެވެ.


ބޭނުންވާ ހައްލު

- މެމްބަރުން ހޮވޭ ގޮތާއި އެ މެމްބަރުން ވަކިކުރެވޭ ގޮތް ހިމެނޭ ޤާނޫނުތައް ތިރީގައިވާ ކަންކަަމަށް މަގުފަހިވާނެހެން އިސްލާހުކޮށްދިނުން 

- މެމްބަރު ނިސްބަތްވާ ދާއިރާގެ (ކަނޑައެޅޭ އިންސައްތައެއްގެ) ވޯޓުލެވޭ ރައްޔިތުންގެ ލިޔުމަކުން އެ މެމްބަރު ވަކިކުރުމަށް ("ރިކޯލް") އެދެފިނަމަ އެ އެދުމާ ގުޅިގެން ރިކޯލް ވޯޓެއް ބޭއްވުން

- ހަރަދު ކުޑަކުރުމުގެ ގޮތުން ވަކި ރިކޯލް ވޯޓަކާއި އަނެއްކާ ގޮނޑިއަށް އައު މެމްބަރަކު ހޮވަން ވަކި އިންތިހާބެއް ބޭއްވުމުގެ ބަދަލުގައި ރިކޯލް ވޯޓުގައި މެމްބަރު ވަކި ކުރާނެތޯ ނޫންތޯ ނިންމުމާއި އެކު ވަކި ކުރާނަމަ އެހެން ކެންޑިޑޭޓުންނަށް ވޯޓުލާ ހޮވޭނެ

ރައްޔިތުންނާއި ގާތުން ރައްޔިތުންނާ އަޑު އަހައިގެން ހުރިހާ ރައްޔިތުންގެ މަސްލަހަތުގައި މަސައްކަތް ކުރައްވަން ވައުދުވާ މެންބަރުން އިންތިހާބު ވުމަށްފަހު، މަޖިލީހަކީ ކޮންމެ މެންބަރަކު ވެސް އެ މީހެއްގެ ސިޔާސީ ބާރުވެރިކަމާއި އަމިއްލަ ޒާތީ ތައައްސަބަކަށްޓަކައި ވަންނަ ތަނަކަށް ހަދައިފި ކަމަށް ގިނަ އާންމުން ދެކެއެވެ. އެ މަޖިލީހުގެ ހަގީގީ ޒިންމާއާ ދުރުވެއްޖެ ކަމަށް ދިވެހީން ގަބޫލުކޮށްފި އެވެ. 

މަޖިލީހުން ކަންކަން ނިންމަން ޖެހެނީ އާންމުންގެ ވިސްނުމާ އެއްގޮތަށެވެ. ކޮންމެ ރައްޔިތަކު ތަމުސީލުވާނެކަން ޔަގީންކުރަން އެ މަޖިލީހަށް 93 މެންބަރުން ހޮވައިގެން، އެއިން ކޮންމެ ބޭފުޅަކަށް މަހެއްގެ މައްޗަށް 82،500 ރުފިޔާ ހަރަދުކުރަނީ ވަރަށް މުހިންމު ޒިންމާއެއް މަތިކޮށްފައި އޮތީމަ އެވެ. އެކަމަކު، މިހާރު ބައެއް މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން އެ ބޭނުން ކެނޑިއްޖެ އެވެ. މިފަދަ ޕެޓިޝަންތައް އަންނަން އެފެށީ އެހެންވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު