
އަލީ ޝަރީފްގެ އޭރުގެ ޕޯސްޓުތައް ރައްދު ކުރެއްވި ބޭފުޅުންގެ ތެރޭގައި އޭނާއާ އެކު މިހާރު ކެބިނެޓުގައި ތިއްބަވާ ބައެއް ވަޒީރުންނާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ އަދި ފްރާންސްގެ ރައީސް އެމަނުއެލް މެކޮން ހިމެނެ އެވެ. މޯދީއަކީ ޓެރަރިސްޓެއް ކަމަށް ސިފަކުރައްވާ އޭނާ ވަނީ 2020ގައި ޕޯސްޓެއް ކުރައްވައިފަ އެވެ.އަލީ ޝަރީފު ކުރައްވާފައި ހުރި ޕޯސްޓުތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ގެ ނުކުޅެދުންތެރިކަމަށް ހަޖޫޖަހާފައި ހުރި ޕޯސްޓަކާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ކާފަރެއް ކަމަށް ބުނެފައިވާ ޕޯސްޓަކާއި ބުރުގާ ނާޅާ އަންހެނުން އަމިއްލައަށް ފުރައްސާރައަށް މަރުހަބާ ކިޔާ ކަމަށް ބުނާ ޕޯސްޓެއް ހިމެނެ އެވެ. "މީނާގެ ދެން ހުރި އަނގުނުތައް ސަލާމަތުން ﷲ ދެއްވީތީ މީނާ ޝުކުރުވެރިވާން އެބަޖެހޭ،" އިބްރާއަށް ނިސްބަތްކޮށް އަލީ ޝަރީފު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ. އޭގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަކީ ޓެރަރިސްޓެއް ކަމަށް ބުނާ ޕޯސްޓަކާއި ޑިމޮކްރަސީގެ ނިޒާމު ގަބޫލުނުކުރައްވާ ކަމަށް ބުނާ ޕޯސްޓަކާއި ބައެއް މީސްމިހުންނާ ދިމާލަށް ހުތުރު ބަހުން ވާހަކަ ދައްކާފައިވާ ޕޯސްޓުތަކެއް ވެސް އަލީ ޝަރީފު ކުރައްވާފައިވެ އެވެ. އަލީ ޝަރީފުގެ ޕޯސްޓުތައް އަލުން އާންމުވުމުން އެ ޕޯސްޓުތަކަށް އާންމުންގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. އެގޮތުން، އޭނާ ކެބިނެޓަށް އައްޔަން ކުރުމުން ރައީސް މުހައްމަދު މުއިއްޒަށް ވެސް ބައެއް މީހުން ފާޑުކިޔާފައިވެ އެވެ. "މިއީ ލަދުވެތި ކަމެއް، މުއިއްޒު. މިކަހަލަ އުރައްޕެއް ނެތް މީހުން ވަޒީރުކަމަށް ލީމާ ދެން ވެސް ވާނީ ފެއިލް،" އެކްސްގައި މީހަކު ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.