ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓުން މިއަދު 10 ވަޒީރަކު އިސްތިއުފާ ދެއްވީ އިސްލާހަށް ފުރުސަތު ދެއްވުމަށް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ. 
ކެބިނެޓުގެ 10 ބޭފުޅުންގެ އިސްތިއުފާ ރައީސް ގަބޫލުފުޅު ކުރެއްވުމަށް ފަހު، ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނީ، އެ 10 ބޭފުޅުން މިދިޔަ މުއްދަތުގައި ކޮށްދެއްވި ހިދުމަތުގެ އަގު އެ މަނިކުފާނު ވަޒަންކުރައްވައި ޝުކުރު އަދާކުރައްވާ ކަަމަށެވެ.
އިސްތިއުފާ ދެއްވި މިނިސްޓަރުން
- ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
- ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
- ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
- ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
- ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް
- އެގްރިކަލްޗަރު އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
- ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)
- ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް
- ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު
- ދިވެހި ބަހުގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ހުރިހާ މިނިސްޓަރުން ވެސް އިސްތިއުފާ ދެއްވީ ކަމަށާއި އިސްތިއުފާ ދެއްވީ މުއިއްޒު ގެންނަން ބޭނުންވެވަޑައިގަންނަވާ އިސްލާހުތަކަސް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށެވެ. "ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން، ކެބިނެޓްގެ 10 ވަޒީރަކު މިއަދު އިސްތިއުފާ ހުށަހަޅުއްވާފައިވާތީ އެ ބޭފުޅުންގެ އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅުކުރައްވައިފި،" އެ ބަޔާނުގައި ބުނެފައިވެ އެވެ.ކެބިނެޓުގެ 20 މިނިސްޓަރުންގެ ތެރެއިން 10 މިނިސްޓަރަކު މިއަދު އިސްތިއުފާ ދެއްވިއިރު ދައުލަތުގެ ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ބައެއް ބޭފުޅުން މިދިޔަ ހަފުތާއެއްގެ ތެރޭގައި ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރެއްވި އެވެ.