ޚަބަރު
ޗައިނާއިން 880 ސޯލާ މަގު ބައްތި ހަދިޔާކޮށްފި
ޗައިނާ ސަރުކާރުން ރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކޮށްފި އެވެ.

ސޯލާ ލައިޓު ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން އެތަކެތި ހަވާލުކުރެއްވުމަށް އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން އަމާޒު ހިފާފައި ވަނީ ސާފު ހަކަތަ އާއި ދެމެހެއްޓެނިވި ޖަޒީރާ ތަަރައްގީއަށެވެ.

މި ހަފުލާގައި ޗައިނާ ސަފީރު ވިދާޅުވީ މިދިޔަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ރައީސްއާއެކު ބޭއްވެވި ބައްދަލުވުމުގައި ރާއްޖެއަށް މަގުބައްތި ހަދިޔާކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

ޗައިނާ ސަރުކާރުން މީގެ ކުރިންވެސް ރާއްޖެއަށް މަގު ބައްތި ހަދިޔާކޮށްފައިވެ އެވެ.

އެ ގޮތުން ސެޕްޓެމްބަރު 2022 ގައި ޗައިނާއިން މާލެސިޓީ ކައުންސިލަށް 3،000 މަގު ބައްތި ހަދިޔާކުރި އެވެ. މީގެ އިތުރުން ޗައިނާ އިން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ގުރައިދޫ ކައުންސިލަށް 100 ސޯލާ މަގު ބައްތި ހަދިޔާކުރި އެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު