ޚަބަރު
ގެދޮރު އެޅުމަށާއި ގަތުމަށް އިކުއިޓީ ހިލޭ އެހީ ދިނުމަށް މާލީ 4 އިދާރާއަކާއެކު ސޮއިކޮށްފި
ދިވެހި ރައްޔިތުންނަށް އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ތައާރަފުކުރި "ނޭޝަނަލް ހޯމް އޯނާޝިޕް ޕްރޮގްރާމް" ގެ ދަށުން ކުރިއަށްގެންދާ އިކުއިޓީ އެހީތެރިކަންދޭ "ހެލްޕް ޓު ބިލްޑް އަދި ހެލްޕް ޓު ބައި" ސްކީމްތައް ތަންފީޒު ކުރުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން މާލީ ހަތަރު އިދާރާއަކާއެކު އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ކުރިއަށްގެންދާ މި މުހިންމު ޕްރޮގްރާމްގައި ބައިވެރިވެފައިވާ މާލީ އިދާރާތަކުގެ ތެރޭގައި، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ) އަދި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމް.އެފް.އެލް.ސީ) ހިމެނެ އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި މާލީ އިދާރާތަކުގެ ފަރާތުން ސޮއިކުރެއްވީ ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފް، އެމްއައިބީގެ މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދްރީސް ހުމްރީ، އެޗްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު އަދި އެމްއެފްއެލްސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްތިޝާމާ އަހުމަދު ސައީދެވެ 

ވޯލްޑް ބޭންކް ގްރޫޕްގެ ފަންނީ އެހީތެރިކަމާއެކު ދާދިފަހުން ނިންމި މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރީކޮންސްޓްރަކްޝަން ޕްރޮޖެކްޓް (އެމްޔޫޑީއާރްޕީ) ގެ ދިރާސާތަކުން ދައްކާ ގޮތުން ދިވެހި ގިނަ އާއިލާތަކަށް ގެދޮރު އެޅުމަށާއި ގަތުމަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ ބޭންކުތަކުން ކަނޑައަޅާ އިކުއިޓީ ޕޭމަންޓް ދެއްކުމުގައި ދިމާވާ ދަތިތަކެވެ.

ސަރުކާރުން ތައާރަފުކޮށްފައިވާ "ނޭޝަނަލް ހޯމް އޯނާޝިޕް ޕްރޮގްރާމް"ގެ ދަށުން މިއަދު އިތުރުކުރެވިގެންދިޔަ ދެ ބައިގެ މަގުސަދަކީ މި ހުރަސް ނައްތާލައި، ގޯއްޗެއް އޮވެ މާލީ ދަތިތަކުގެ ސަބަބުން މިހާތަނަށް ގެދޮރު އިމާރާތް ކުރެވިފައިނުވާ ފަރާތްތަކަށާއި އަދި އަލަށް ގެދޮރު ގަންނަ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި ޕްރޮގްރާމް އެކުލެވިގެންވަނީ މައިގަނޑު ދެ ބައެއްގެ މައްޗަށެވެ.

ހެލްޕް ޓު ބިލްޑް

ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ބިންވެރިންނަށް ގެދޮރު އިމާރާތްކުރުމަށް ބޭންކް ލޯނެއް ހޯދުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

މިބައި އަމާޒުކޮށްފައިވަނީ މާލެ އަދި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށެވެ. މި ބައިގައި ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅު ނުހިމެނެ އެވެ. އެއް މިލިއަން ރުފިޔާގެ ލޯނެއްގެ އިކުއިޓީ ޕޭމަންޓަށް ދެލައްކަ ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ އެހީ ދޭނެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ އާއިލީ ބިމެއްގައި އެއް ފަރާތަށް ވުރެ ގިނަ މިލްކުވެރިން އެކުވެގެން އިމާރާތް ކުރަން ބޭނުންވާ ހާލަތެއްގައި، ބޮލަކަށް ދެލައްކަ ރުފިޔާގެ މަގުން އެއް މިލިއަން ރުފިޔާއާ ހަމައަށް، ލޯނުގެ އިކުއިޓީ ޕޭމަންޓްގެ ގޮތުގައި ހަމަޖައްސައިދެވޭނެ ކަމަށާއި މި އުސޫލު ހިނގާނީ މާލޭގެ ބިންތަކަށް އެކަނި ކަމަށެވެ.

ކުރެހުމާއި ބީއޯކިއުއަށް ބަލައި 1 މިލިއަނަށް ވުރެ މަތިން ލޯނު ނެގި ނަމަވެސް ސަރުކާރުން ދޭ އެހީގެ އެންމެ މަތީ އަދަދަކީ ބޮލަކަށް ދެ ލައްކަ ރުފިޔާ އެވެ.

ހައުސިން މިނިސްޓްރީން ބުނީ މިއީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ނޫން ނަމަވެސް 20 އަހަރު ދުވަހުގެ ތެރޭގައި އެ އިމާރާތް ވިއްކާލައިފިނަމަ، އެ ފައިސާ ދައުލަތަށް އަނބުރާ ދައްކަންޖެހޭނެ ކަމަށެވެ.

ހެލްޕް ޓު ބައި

  • އެފޯޑަބަލް ހައުސިން: ޕީޕީޕީ އުސޫލުން ޑިވެލޮޕަރުން އަޅާފައިވާ 1.5 މިލިއަން ރުފިޔާގެ އަގުހުރި އެފޯޑަބަލް ހައުސިން ޔުނިޓެއް ގަތުމަށް 250،000 ރުފިޔާއާ ހަމައަށް އެހީ ދޭނެ. މިއީ 2024 ގެ "ހިޔާވަހި" ސްކީމާ ވަކިން ހިންގޭ ސްކީމެއް.
  • މާކެޓް ރޭޓް ޔުނިޓްސް: ރިއަލް އެސްޓޭޓް އުސޫލުން މާކެޓް އަގުގައި ވިއްކާ ޔުނިޓެއް އަލަށް ގަންނަ ފަރާތްތަކަށް ވެސް 250،000 ރުފިޔާއާ ހަމައަށް އެހީ ދޫކުރެވޭނެ.
  • މި އެހީގެ ފައިސާ މާލީ އިދާރާ މެދުވެރިކޮށް ދައްކާނީ ސީދާ ޑިވެލޮޕަރަށް. އަދި ގަންނަ ފަރާތުން ދައްކަންޖެހޭ ޖުމްލަ އަގުން އެ މިންވަރު އުނިކުރެވޭނެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މި ޕްރޮގްރާމުގެ ދަށުން އެހީ ލިބޭނީ އެދޭ ފަރާތުގެ ނަންމަތީގައި އިމާރާތްކޮށްފައިވާ އެހެން އެއްވެސް ބިމެއް ނުވަތަ ގޯއްޗެއް ނެތް ފަރާތްތަކަށެވެ. އަދި އިމާރާތްކުރާ ބިމަކީ އެދޭ ފަރާތް ނުވަތަ ފަރާތްތަކުގެ އަމިއްލަ މިލްކަކަށް ވާންޖެހޭނެ އެވެ.

މި ލޯނު މައިގަނޑު ގޮތެއްގައި ދިރިއުޅޭނެ ގެއެއް އެޅުމަށް ބޭނުންކުރަން ޖެހުނު ނަމަވެސް، އިމާރާތުގެ ބައެއް ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ ހުއްދަ ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު