ޚަބަރު
ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ހިމާޔަތްކުރުމުގައި ދޫ ނުދޭނަން: ސަރުކާރު
ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓމުގެ ބާރަކަށް ނުދޭނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދީފިއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ސަރަހައްދުގައި ހިމެނޭ ބައިނަލްއަގުވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ހާއްސަ އިގުތިސާދީ ސަރަހައްދު ހިމެނޭ ގޮތަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ގޮތުން ނުވަތަ އެ ނޫން ވެސް ގޮތަކުން ބަލަހައްޓަން ބޭރުގެ ފަރާތަކަށް ހުޅުވައިލުމަކީ ރާއްޖޭގެ މިނިވަންކަމާއި ދިވެހި ސިޔާދަތަށް އުނިކަން ލިބޭނޭ ކަމެއް ކަމަށެވެ.

އެއީ މި ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތަށް އަސަރު ކުރާނެ ކަމެއް ކަމަށާއި އެކަން އެގޮތަށް ނުކުރުމަކީ ދިވެހި ސަރުކާރުގެ އަސާސީ ސިޔާސަތެއް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

...ވީމާ، ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އެއްވެސް ހާލެއްގައި ބޭރުގެ އަސްކަރީ ނުވަތަ އެ ނޫން ވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭ ކަމުގައި ދަންނަވަމެވެ. އަދި މި ނޫން ގޮތަކަށް މޭރުން ވެދާނޭ ފަދަޔަކުން ބޭރުގެ ނުފޫޒަކަށް، ސީދާ ނުވަތަ ނުސީދާ ގޮތަކުން ވިޔަސް އެއްވެސް ފަރާތަކުން ދަޢުވަތު ނުދިނުމަށް ދިވެހިސަރުކާރުން އިލްތިމާސްކުރަމެވެ،" ސަރުކާރުގެ ބަޔާނުގައި ވެ އެވެ.

ޖޯގްރަފީއަށް ބަލާއިރު ރާއްޖެއަކީ ސްޓްރެޓިޖިކް ގޮތުން ވަރަށް މުހިންމު ތަނެއްގައި ލައްވާފައިވާ ގައުމެއް ކަމަށް ވެސް ދިވެހި ސަރުކާރުން ފާހަގަކުރި އެވެ. ރާއްޖޭގައި ހުރި ބައިނަލްއަގުވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކަކީ ދުނިޔޭގެ ތެލުގެ ވިޔަފާރި އާއި އާންމު ވިޔަފާރީގެ ވަރަށް ބޮޑު ޕަސެންޓްއް ދުނިޔޭގެ އެއް ބައްރުން އަނެއް ބައްރަށް ދަތުރުކުރަން ބޭނުންކުރާ މުހިންމު ކަނޑުއޮޅިތަކެއް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ބުނީ، ރާއްޖޭގެ ސަރަހައްދާއި ދިވެހި ދައުލަތުގެ ސިޔާދަތަކީ އޭގެ މައްޗަށް ރާއްޖޭގެ މިނިވަންކަން ބަރޯސާވާ، ބަދަލު ނުކުރެވޭނޭ، ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ހައްގެއްކަމަށެވެ. ރާއްޖޭގެ ސަރަހައްދުގައި ހިމެނޭ ބައިނަލްއަގުވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ހިމެނޭގޮތުން، ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާއަކީ ގާނޫނުއަސާސީން ދިވެހި ދައުލަތާ ހަވާލުކޮށްފައިވާ ޒިންމާއެއް ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު