ހައްޖު ކިޔޫގައި 3 އަހަރުވީ 70 އަހަރުން މަތީގެ އެންމެން އަންނަ އަހަރު ހައްޖަށް ފޮނުވަނީ
އަބްދުﷲ މައުރޫފް
12 އޮކްޓޫބަރ 2026 - 15:06
0 comments
ފައިސާ ދައްކައި ތިން އަހަރުވެފައިވާ، 70 އަހަރުން މަތީގެ 324 މީހުންނަށް އަންނަ އަހަރު ހައްޖަށް ފޮނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު އިއުލާންކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރްޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ މި އުސޫލު ތަންފީޒުކުރާނީ، މައުޟޫއީ ގޮތެއްގައި އުމުރުށާއި ކިޔޫއިން ޖާގަލިބުނު ތާރީހަށް ބަލައިގެން ކަމަށެވެ. އަދި މިއީ އެންމެންނަށް ހަމަހަމަ އުސޫލަކުން ތަފާތުކުރުމެއްނެތި މައުޟޫއީ ގޮތެއްގައި ތަންފީޒުކުރާނެ އުސޫލެއްކަންވެސް ފާހަގަކުރެއްވި އެވެ.
މިކަމުގެ ސަބަބުން ރާއްޖެއަށް ލިބޭ ކޯޓާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދުވަސްވީ މީހުންނަށް ވީހާވެސް އަވަހަށް ފުރުސަތު ލިބި، ހައްޖު ކިއުގައި ތިބި އުމުރުން ދުވަސްވީ މީހުންގެ އަދަދު މަދުވެގެން ދާނެކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ. މިއާއެކު ކުރިއަށް އޮތް ތަނުގައި ހައްޖު ކިއުގައި ހިމެނޭ މީހުންގެ ނިސްބަތް ޒުވާން އުމުރުފުރާތަކަށް ބަދަލުވެގެން ދިއުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށވެސް ވިދާޅުވި އެވެ.
ޝަހީމު ވިދާޅުވި ގޮތުގައި މި އުސޫލުގެ ދަށުން ހައްޖު ކިއުގައި ތިބޭތާ 3 އަހަރު ވެފައިވާ ފަރާތްތައް ކަމުގައި ބަލާނީ، 31 ޑިސެންބަރު 2023ގެ ނިޔަލަށް ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ، ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކެވެ. އަދި 70 އަހަރުން މަތީގެ އުމުރުފުރާ ކަމުގައި ބަލާނީ މިއަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް އުމުރުން 70 އަހަރު ފުރިފައިވާ ފަރާތްތަކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން 70 އަހަރުން މަތީގެ 324 މީހުންނަށް މި އުސޫލުގެ ދަށުން 1448 ވަނަ އަހަރުގެ ހައްޖުން ފުރުސަތު ދޭން ވަނީ ނިންމާފަ އެވެ. މީގެ ތެރޭގައި 75 އަހަރުން މަތީގެ 86 މީހުންވެސް ހިމެނެ އެވެ.އެ ބަދަލާއެކު ކިޔުގައި ތިބި 65 އަހަރުން ދަށުގެ ބައެއް މީހުންނަށް އަހަރެއްހާ ދުވަހުގެ ލަސަވުމެއް އައި ނަމަވެސް އެއީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެތައް އަހަރެއް ވަންދެން އިންތިޒާރުކުރަމުން އަންނަ ދޮށީ އުމުރުގެ އެތައް ރައްޔިތުންނަކަށް ލިބިގެންދާނެ ވަރަށް ބޮޑު އުންމީދެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއީ، ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ ބޭނުން ވެސް އެންމެ އިންސާފުވެރި އަދި އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ. އޭގެ ސަބަބުން ހައްޖު ކިޔޫގެ އިންތިޒާމުތައް ހަރުދަނާވެ، ކިޔޫން ޖާގަ ހުރިހާ އުމުރުފުރާއަކަށް ވެސް ލިބިގެންދާނެ ކަމަށެވެ.