ވިޔަފާރި
ބީއެމްއެލަށް 9 މަހުން 1.93 ބިލިއަންގެ ސާފު ފައިދާއެއް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު، އެ ބޭންކުގެ ތާރީޚުގައިވެސް ނުވަ މަސްދުވަހު ނުލިބޭވަރުގެ ބޮޑު އަދަދެއް ސާފު ފައިދާގެ ގޮތުގައި ހޯދައިފިއެވެ.

ބީއެމްއެލް އިން އިއްޔެ ވަނީ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް އާންމުކޮށްފަ އެވެ.

މިދިޔަ ސެޕްޓެންބަރު 30 އަށް ނިމުނު ނުވަ މަސްދުވަހުގެ ތެރޭގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ބީއެމްއެލަށް 1.93 ބިލިއަން ދިވެހި ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު %26 އިތުރު އަދަދެކެވެ. މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި 647.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު %36 ގެ ކުރިއެރުމެކެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އިންޓަރެސްޓުން ލިބުނު އާމްދަނީ ވަނީ 874.8 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 729.7 މިލިއަން ރުފިޔާގަ އެވެ.

މީގެ އިތުރުން، އިންޓަރެސްޓް ނޫން އެހެނިހެން ވަސީލަތްތަކުން ލިބުނު އާމްދަނީ 355.9 މިލިއަން ރުފިޔާއިން 377.5 މިލިއަން ރުފިޔާއަށް ވަނީ އުފުލިފަ އެވެ.

މި އަހަރުގެ ފަހު ކުއާޓަރާ ބޭންކުން ކުރިމަތިލަނީ ވަރަށް ވަރުގަދަ މާލީ ހާލަތެއްގައެވެ. ފަތުރުވެރިކަމުގެ މޫސުމާއެކު ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވާނެ ކަމަށާއި، މުޅި އަހަރުގެ ނަތީޖާ ވަރަށް ކާމިޔާބުވާނެ ކަމަށް ބޭންކުން އުންމީދުކުރެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މި އަހަރަކީ ބޭންކުގެ ތާރީހުގައި ވެސް މާލީ ގޮތުން އެންމެ ވަރުގަދަ އަހަރަށް ވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ރައުސްމާލާއި ފައިސާގެ ތަނަވަސްކަން ހުރީ ވަރަށް ވަރުގަދަކޮށް. ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރާ އިތުބާރާ އެކު ބޭންކުގެ ބެލެންސް ޝީޓް ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަރަމުން،" އޭނާ ވިދާޅުވި އެވެ.

ބޭންކުން ފާހަގަކުރި ގޮތުގައި މި ނަތީޖާ ހާސިލުކުރެވުނީ އިގްތިޞާދުގެ މުހިންމު ދާއިރާތަކަށް ދޫކުރާ ލޯނު އިތުރުވުމާއި، ޑިޕޮސިޓް ބޭސް ފުޅާވުމާއި، ޑިޖިޓަލް މުއާމަލާތްތައް އިތުރުވުމުގެ ސަބަބުން ކަމަށެވެ. ބޭންކުގެ ކޮސްޓް-ޓު-އިންކަމް ރޭޝިއޯ %28 ގައި ހުރިއިރު، މިއީ ސަރަޙައްދީ ފެންވަރުގައިވެސް އެންމެ އެފިޝެންޓް އެއް ނަތީޖާކަމަށާއި ރިޓާން އޮން އިކުއިޓީ ހުރީ %14 ގައިކަމަށް އެ ބޭންކުން ބުންޏެވެ.

ކުރިއަށް އޮތް ތަނުގައި ބޭންކަށް ފައިސާ ހޯދާނެ ވަސީލަތްތައް އިތުރަށް ފުޅާކުރުމަށް، ބައިނަލްއަގުވާމީ މާކެޓްތަކުން ދިގު މުއްދަތުގެ ބޭރު ފައިސާގެ ފައިނޭންސިން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބީއެމްއެލް އިން ބުންޏެވެ. މީގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށާއި އެ ދާއިރާއަށް ހިދުމަތްދޭ ވިޔަފާރިތަކުގެ އިތުރުން ރާއްޖޭގެ މުޅި އިގްތިސާދަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

މެދުއިރުމަތީގެ ހަނގުރާމައާއި ދުނިޔޭގެ ޖިއޯޕޮލިޓިކަލް މަސްރަޙަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގުދިސޯދަށް ކުރިމަތިވި ނޭދެވޭ އަސަރުތަކާއެކުވެސް މިފަދަ ގޮންޖެހުންތައް ބޮޑު މާހައުލެއްގައި މި ނަތީޖާ ހާސިލުކުރެވިފައިވުމަކީ ކުރިއަށްއޮތްތަނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުންމީދެއްކަމަށް ބީއެމްއެލްއިން ބުނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު