ވިޔަފާރި
މޫޑީސް އިން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ މޫޑީސްއިން ރާއްޖެއަށް ދީފައިވާ ރޭޓިން "ސީއޭއޭ-2" އިން "ސީއޭއޭ-1" އަށް މަތިކޮށްފި އެވެ. 

މޫޑީސް އިން މި ބަދަލު ގެނައި ސަބަބަކީ ރާއްޖޭގެ މާލީ ނިޒާމަށް ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކުރުމަކީ ރާއްޖޭގެ ބޭރުގެ މާލީ އިލްތިޒާމުތައް އަދާކުރުމަށާއި ރިޒާވް ވަރުގަދަކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ސަރުކާރުން ބޭރު ފައިސާއާ ގުޅޭގޮތުން އެޅި ފިޔަވަޅުތަކަކީ މޫޑީސްއިން ރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިންގް މަތިކުރުމަށް ނިންމި ނިންމުމުގައި ފާހަގަކޮށްފައިވާ މުހިންމު ކުރިއެރުމެކެވެ. 

މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިންގް 'ސީ.އޭ.އޭ-2' އިން 'ސީ.އޭ.އޭ-1' އަށް މަތިކޮށް، ރޭޓިންގްގެ އައުޓްލުކް 'ސްޓޭބަލް' ނުވަތަ ހަމަޖެހޭ ފެންވަރެއްގައި ހުރިކަމަށް ކަނޑައަޅާފައެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން ބުނި ގޮތުގައި މި ނިންމުމުގެ އަސްލަކީ ބޭރު ފައިސާގެ ރިޒާވް ވަރުގަދަވުމާއި، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ މިންވަރު އިތުރުވުމުގެ އިތުރުން، ދަރަނި އަދާކުރުމުގައި ހޯދާފައިވާ ކާމިޔާބީ އެވެ. އަދި މި ކުރިއެރުންތައް ހޯދުމުގައި ސަރުކާރުގެ ސިޔާސަތުތަކުގެ ހަރުދަނާކަން މޫޑީސްއިން ފާހަގަކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2025 ވަނަ އަހަރުގެ ނިޔަލަށް އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީ) 129.2 ޕަސެންޓުގައި ހުރި ދައުލަތުގެ ދަރަނި، ޖުލައި 2026 ގެ ނިޔަލަށް ވަނީ 122.6 ޕަސެންޓަށް ދަށްވެފަ  އެވެ. މިއީ ދަރަނި ދެއްކުމަށް ކުރި މަސައްކަތްތަކާއި ގެންގުޅުނު ހަރުދަނާ ފިސްކަލް ސިޔާސަތުތަކުގެ ނަތީޖާ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

މެދުއިރުމަތީގެ ހަނގުރާމައާ ހެދި ހަކަތައިގެ އަގު އުފުލުމުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ސަމާލުކަންދޭ ހާލު ރައްޔިތުންގެ އަސާސީ ކަންކަން ރައްކާތެރި ކުރުމަށާއި އިގްތިސާދީ ހަރަކާތްތަކަށް އެހީތެރިވުމަށާއި ދައުލަތުގެ ހަރަދުތައް ބަޖެޓުގެ ތެރޭގައި ހިފެހެއްޓުމަކީ ސަރުކާރުން އެންމެ ސަމާލުކަން ދޭ އެއްކަންތައް ކަމުގައި ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.

ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލިބޭ އެހީތެރިކަމަކީވެސް ލިބޭ ބޮޑު ބާރެކެވެ. ވޯލްޑް ބޭންކާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި އޯޕެކް ފަންޑުން ޖުމްލަ 130 މިލިއަން ޑޮލަރުގެ އެހީ ސަރުކާރުން ވަނީ ކަށަވަރުކޮށްފައެވެ. އަދި ލުއި ގޮތްތަކެއްގެ މަތިން އިތުރު މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. ދެން އޮތް އެންމެ ބޮޑު މަސައްކަތަކީ މި ހޯދި ކުރިއެރުން ދެމެހެއްޓުމެވެ. ރާއްޖޭގެ މާލީ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކުރުމާއި، ރިޒާވް ވަރުގަދަކުރުމުގެ އިތުރުން، ދަރަނި ބެލެހެއްޓުމުގެ ހަރުދަނާ ސިޔާސަތުތައް ދެމެހެއްޓުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު