
އެސްއެފްޑީގެ ސީއީއޯ، މިނިސްޓަރު ޒަރީރުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ތަރައްޤީގެ ދާއިރާއިން ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އިޤްތިޞާދީ ކުރިއެރުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ސަރުކާރުން އިސްކަންދޭ އުމްރާނީ މަޝްރޫޢުތަކަށް ބޭނުންވާ ފައިނޭންސިންގ ހޯދުމާ ގުޅޭގޮތުންނެވެ.މި ބައްދަލުވުމުގައި މިނިސްޓަރ ޒަރީރުވަނީ އެސްއެފްޑީ އިން ރާއްޖޭގެ ތަރައްޤީއަށް ދެއްވަމުންދާ ދިގު މުއްދަތުގެ އެހީތެރިކަމާއި ބާއްވަވާ ގާތް ގުޅުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ.ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވަނީ 1978 ވަނަ އަހަރު، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ދޫކުރި ފުރަތަމަ ލޯނާ އެކުގައެވެ. އޭގެ ފަހުން މިއަދާ ހަމައަށް، އެ ފަންޑުން ވަނީ 14 މަޝްރޫޢަކާއި ޕްރޮޖެކްޓްތަކަށް ޖުމްލަ 17 ލޯނު ދޫކޮށްފައެވެ. މީގެ ތެރޭގައި ހިމެނޭ ފައިނޭންސިންގގެ ޖުމްލަ އަދަދު 488 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރެވެ.އެ ފަންޑުގެ އެހީތެރިކަން ވަނީ ދަތުރުފަތުރާއި، ޞިއްޙީ ދާއިރާއާއި، ބޯހިޔާވަހިކަމުގެ އިތުރުން ސިޓީ ތަރައްޤީކުރުން ފަދަ މުހިންމު ދާއިރާތަކަށް ފޯރުކޮށްދީފައެވެ. އެސްއެފްޑީގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޮޑުކޮށް ތަރައްޤީކުރުމުގެ މަޝްރޫޢެވެ. މި މަޝްރޫޢަށް އެ ފަންޑުން ގާތްގަނޑަކަށް 217 މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސިންގ ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ ޕްރޮގްރާމަށް 50 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، ހުޅުމާލޭގެ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށްވެސް އެ ފަންޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.އެސްއެފްޑީއަކީ ބައިނަލްއަގްވާމީ ތަރައްގީގެ ދާއިރާއިން ސައޫދީ އަރަބިއްޔާގެ ފަރާތުން މަސައްކަތް ކުރާ މައި އިދާރާ އެވެ. 1974 ވަނަ އަހަރު ގާއިމުކުރެވުނު މި ފަންޑުގެ މަގުސަދަކީ، ތަރައްގީވަމުން އަންނަ ގައުމުތަކުގައި ކުރިއަށްގެންދާ މުހިއްމު މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، އެ ގައުމުތަކުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އެއްބާރުލުން ދިނުމެވެ.