ޔޫނުސް އިބްރާހިމް
06 އޮކްޓޫބަރ 2026 - 11:30
0 comments
ނުރައްކާތެރި އީމެއިލްތަކެއް ފޮނުވައި ސަރުކާރު އިދާރާތަކަށް ގިނަ އަދަދަކަށް ސައިބާ ހަމަލާތައް ދެމުންދާ ކަމަށާއި އެކަމަށް ސަމާލުވުމަށް ސަރުކާރުގެ މުއައްސަސާތަކަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ ސައިބާ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީސޮކް) އިން މޮނިޓާކުރަމުން އަންނަ ކަންތައްތަކުގެ ތެރެއިން، ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންވެ، ސަރުކާރުގެ މުއައްސަސާތަކުންނާއި އާންމުން ވެސް އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި، އެގޮތަށް ފޮނުވާ އީމެއިލްތައް ފަރުމާކޮށްފައި ހުންނަނީ ބަލާބެލުމަށް އިތުބާރުކުރެވޭ ރަސްމީ އިދާރާތަކުން ނުވަތަ ދަންނަ ފަރާތްތަކުން ފޮނުވާފައި ހުންނަ ސައްހަ އީމެއިލްތަކެއްގެ ގޮތުގައި، އޮޅޭފަދަ ގޮތަކަށެވެ. ހަމަލާދޭ ފަރާތްތަކުން އެ އީމެއިލްތަކުގައި ހިމަނާފައި ހުންނަ ނުރައްކާތެރި ލިންކުތަކާއި ފައިލްތައް ފޮނުވާފައި ހުންނަނީ ރަސްމީ އިންވިޓޭޝަނެއް، ލިޔެކިޔުންތަކެއް ނުވަތަ ފައިލް-ޝެއަރިން ލިންކުތަކެއްގެ ގޮތުގަ އެވެ.
އެފަދަ ނުރައްކާތެރި ލިންކުތަކަށް ވަދެވި ނުވަތަ ފައިލްތައް ހުޅުވިއްޖެ ނަމަ، އެމީހެއްގެ ޔޫސަނޭމް އަދި ޕާސްވޯޑް ކަހަލަ މުހިންމު މައުލޫމާތުތައް ހެކަރުންނަށް ލިބުމުގެ ފުރުސަތު ބޮޑު ކަމަށާއި އޭގެ ސަބަބުން އިދާރާތަކުގެ ކޮމްޕިއުޓަރު ސިސްޓަމްތަކަށާއި ނެޓްވޯކަށް ހުއްދަނެތި ވަދެ، ސިސްޓަމްތައް ކޮމްޕްރޮމައިޒްވުމަށް މަގުފަހިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ސީސޮކުން ލަފާކުރާ ގޮތުގައި މިއީ ވަކި އަމާޒެއް ކަނޑައަޅައިގެން، ރޭވިގެން ކުރިއަށް ގެންދާ ކެމްޕެއިނެއްގެ ބައެއް ކަމަށް ބެލެވޭ ކަމަށެވެ. މިކަމާ ގުޅިގެން ސީސޮކުން ދަނީ އެ ހަރަކާތްތައް ވަރަށް ގާތުން މޮނީޓާކުރަމުން ކަމަށާއި މި ހަމަލާތަކުން ރައްކާތެރިވުމަށް ބޭނުންވާ މައުލޫމާތު ހިއްސާކޮށް، ނުރައްކާތެރި ވެބްސައިޓްތަކާއި ނެޓްވޯކްތައް ބްލޮކް ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ތަހުގީގު އަދި ޓެކްނިކަލް އެނަލިސިސް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުންޏެވެ.ސައިބާ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި ސަމާލުވާންވީ ކަންކަން:
- އީމެއިލާއެކު އަންނަ އުންމީދު ނުކުރާ ލިންކުތަކާއި އެޓޭޗްމަންޓްތައް، އެއީ ރައްކާތެރި އެއްޗެއްކަން ޔަގީން ނުކުރެވެނީސް ނުހުޅުވުން
- ފެންނަ ފެނުމަށް ދަންނަ މީހެއް ނުވަތަ އިތުބާރު ކުރެވޭ އިދާރާއަކުން ފޮނުވާފައިވާ އީމެއިލެއް ކަމުގައިވިޔަސް، އާދަޔާ ހިލާފު ކަމަކަށް އެދިފައިވާނަމަ، އެހެން ޒަރީއާއަކުން (މިސާލަކަށް ފޯނުން) ގުޅައިގެން އެއީ ސައްހަ އީމެއިލެއްތޯ ކަށަވަރު ކުރުން
- އީމެއިލްގައިވާ ލިންކަކަށް ފިތާލައިގެން ހުޅުވޭ ޕޭޖެއްގައި ޔޫޒާނޭމް އަދި ޕާސްވޯޑް ފަދަ މައުލޫމާތު ނުޖެހުން
- އީމެއިލް އަދި ރަސްމީ އެކައުންޓްތަކުގައި މަލްޓި-ފެކްޓާ އޮތެންޓިކޭޝަން (MFA) ބޭނުން ކުރުން
- ކޮމްޕިއުޓަރުގެ އޮޕަރޭޓިން ސިސްޓަމް އަދި ބޭނުންކުރާ އެޕްލިކޭޝަންތައް އަބަދުވެސް އަޕްޑޭޓްކޮށް ބެހެއްޓުން
- ޝައްކުކުރެވޭ އީމެއިލެއް ލިބިއްޖެނަމަ، ލަސްނުކޮށް އެ އޮފީހެއްގެ އައިޓީ ނުވަތަ ސެކިއުރިޓީ ޓީމަށް ރިޕޯޓު ކުރުން
- ޝައްކު ކުރެވޭ ފައިލެއް ނުވަތަ ލިންކެއް ހުޅުވިއްޖެނަމަ، އަމިއްލައަށް އެކަން ހައްލުކުރަން މަސައްކަތްކުރުމުގެ ބަދަލުގައި، ވަގުތުން ކޮމްޕިއުޓަރު ނެޓްވޯކުން ޑިސްކަނެކްޓްކޮށް އައިޓީ ޓީމުގެ އެހީތެރިކަން ހޯދުން
ފުލުހުން ބުނީ މިފަދަ ހަމަލާތަކުން ދިފާއުވުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ އާންމުންގެ ސަމާލުކަމާއި ހޭލުންތެރިކަން ކަމަށެވެ. ރައްކާތެރިކަމުގެ މިފަދަ ފިޔަވަޅުތަކަށް ސަމާލުވުމަކީ ސައިބާ ހަމަލާތަކުން ދިފާއުވުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.