އިސްމާއިލް ރިޒާ
18 ސެޕްޓެމްބަރ 2026 - 21:05
0 comments
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުއްލި ހާލަތްތަކުގައި އަންގައިދޭންޖެހޭ އެންގުންތައް ފަސޭހައިން އެންގޭނެ ގޮތްތަކެއް ފްލެޓްތަކުގައި ހަމަޖައްސާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ސީދާ ރައީސްއާ ހިއްސާކުރެވޭ ގޮތަށް ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާ ޕްރޮގްރާމްގައި، އިވުމުގެ ނުކުޅެދުންތެރިކަން ހުރި ދެމަފިރިއަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އެ ދެމަފިރިން ވަނީ، އެމީހުން ދިރިއުޅޭ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މީހުންނަށް އެކަން ވަގުތުން އެނގޭނެ އެކަށީގެންވާ ނިޒާމެއް ނެތުމުގެ ސަބަބުން ކުރިމަތިވާ ބިރުވެރިކަން ރައީސްގެ ސަމާލުކަމަށް ގެންނަވައިފަ އެވެ.
ބަލި ބައްޕައެއް ބަލަމުން އަންނަ އެ ދެމަފިރން، ކަމެއް ދިމާވެއްޖެ ނަމަ މީހެއްގެ އެހީއަށް އެދުމަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ، އިޝާރާތުގެ ބަހުގެ ތަރުޖަމާނެއްގެ އެހީއާ އެކު ރައީސްއާ ހިއްސާ ކުރި އެވެ.
އެ ދެމަފިރިން ވަނީ ތައުލީމު ހާސިލުކުރަމުންދާ އެ މީހުންގެ ތިން ދަރިންނަށް ސްކޫލު މާހައުލުން ދިމާވާ ގޮންޖެހުންތައް ވެސް ހިއްސާކޮށްފަ އެވެ. އެއީ އިވުމުގެ މައްސަލައެއް ނެތް ކުދިންނަށް ކަމަށް ވިޔަސް އެ ކުދިންގެ ތައުލީމާ ގުޅުން ހުރި ކަންކަމުގައި ޓީޗަރުންނާ މުއާމަލާތު ކުރުމުގައި ދެމަފިރިންނަށް ދަތިތައް ވަރަށް ބޮޑުކަން ފާހަގަކުރި އެވެ.
އެ އާއިލާގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު ރައީސް ވިދާޅުވީ، ސަރުކާރުން އަލަށް ތަރައްގީކުރާ ފްލެޓްތަކަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކުއްލި ނުރައްކަލުގެ ހާލަތްތައް ފަސޭހައިން އަންގައިދެވޭނެ ޒަމާނީ ނިޒާމުތައް އެކުލެވޭ ތަންތަނަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.އަޑުއިވުމުން މަހްރޫމުވެފައިވާ އަޝްފާގު ނަމަކަށް ކިޔާ މީހާ ބުނީ މަސައްކަތްތެރިކަމާއި ފަންނީ ކޯސްތައް ހިންގަމުންދާ ޕޮލިޓެކްނިކްގައި އޭނާ ފަދަ މީހުންނަށް ކޯސްތައް ހިންގާ ކަމަށެވެ. އެކަމަކު އެފަދަ ކޯސްތަކުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ އިޝާރާތުގެ ބަހުން ކިޔައިދޭން އެނގޭ މީހުން ނެތުން ކަމަށެވެ. އެހެންވެ އޭނާ ފަދަ އެތައް ބަޔަކަށް ކިޔެވުމުގައި އިތުރަށް ކުރިއަށް ނުދެވި ވަޒީފާގައިވެސް ކުރިއެރުން ހޯދުމުގައި ދަތިތައް ހުރި ކަމަށެވެ.
ދެމަފިރިންގެ ކަންބޮޑުވުންތަކަށްފަހު ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުން އަލަށް ތަރައްގީކުރާ ފްލެޓްތަކަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ކުއްލި ނުރައްކަލުގެ ހާލަތްތައް ފަސޭހައިން އެނގޭފަދަ ޒަމާނީ ނިޒާމުތައް ގާއިމުކޮށްފައިވާ ތަންތަނަށް ހަދާނެ ކަމަށެވެ. މީގެއިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ފްލެޓް ދޫކުރާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކަށް ވީހާވެސް ތިރީ ފަންގިފިލާއަކުން ފްލެޓް ލިބޭނެ ގޮތް ހަދައި، ދިރިއުޅުމުގެ ކަންކަން ލުއިފަސޭހަކޮށްދިނުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.