ފޭސް2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްވެ، ނުވަ އަހަރުގެ ކުއްޖެއްގެ ހާލު ސީރިއަސް
ހުޅުމާލެ ފޭސް ދޭއްގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކުޑަކުއްޖެއްގެ ހާލު ސީރިއަސްވެ ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވީ އުމުރުން ނުވަ އަހަރުގެ ދިވެހި އަންހެން ކުއްޖަކަށް ކަމަށާއި އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށެވެ.
އެކްސިޑެންޓުވުމާ އެކު ކުއްޖާ ފުރަތަމަ ގެންދިޔަ ހުޅުމާލޭ ހޮސްޕިޓަލުން ބުނީ ކުއްޖާ އޮތީ ވެންޓިލޭޓަރުގައި ކަމަށާއި ކުއްޖާގެ ހާލަތަށް ބަލައި އައިޖީއެމްއެޗަށް މިހާރު ރިފަކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބާއި، ހާދިސާގައި ޝާމިލުވާ ފަރާތްތަކުގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.ފުލުހުން ބުނީ މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ލިބެމުންދާ ވަރަކުން ހިއްސާކުރަމުން ގެންދާނެ ކަމަށެވެ. އެކްސިޑެންޓްގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.