މާލޭ ސިޓީ ކައުންސިލްގެ އަގުބޮޑު ދެ ބައްދަލުވުމެއް، މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަކުރި!
ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލުން މިއަހަރު ބޭއްވި ރައްޔިތުންގެ ދެ ބައްދަލުވުމަށް، 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަން ހާމަވެއްޖެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަޙްމަދު އައިހަމް މާލޭ ސިޓީ ކައުންސިލުން ހޯދަން ހުށަހެޅި މައުލޫމާތުގެ ޖަވާބުގައި ވަނީ، މިދިޔަ ފެބްރުވަރީ މަހު އޮތް ބައްދަލުވުމަށް 567،839 ރުފިޔާ 34 ލާރި ޚަރަދުކޮށްފައިވާ ކަމަށެވެ. އަދި ޖުލައި މަހުގެ ބައްދަލުވުމަށް 585،137 ރުފިޔާ 34 ލާރި ޚަރަދުކޮށްފައިވާ ކަމަށް ކައުންސިލުން ދިން ޖަވާބުގައިވެއެވެ.އެހެންކަމުން، ދެ ބައްދަލުވުމަށް ކައުންސިލުން 1.15 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އޭގެން ކޮންމެ ބައްދަލު ވުމަކީ ދެތިން ގަޑިއިރަށް ބާއްވާ ބައްދަލުވުންތަކެކެވެ.ފުރަތަމަ ބައްދަލުވުމުގެ ހަރަދުގެ ތަފްސީލް
- ބެނާ ޕްރިންޓުކުރުން: 30،024ރ.
- ޓީވީ ލައިވް: 34،607ރ.
- ބައްދަލުވުމުގެ އިވެންޓު މެނޭޖްމަންޓް: 360،000ރ.
- ބައްދަލުވުމުގެ ވީޑިއޯ ޕްރެޒެންޝަން: 135،000،ރ.
- ފޮތް ޕްރިންޓުކުރުން: 8،205ރ.
އޭގެ ފަސް މަސް ފަހުން މިދިޔަ މަހު ބޭއްވި ރައްޔިތުންގެ ބައްދަލުވުމަށް 585،137ރ. ހަރަދުވި އެވެ. އެއީ އިވެންޓް މެނޭޖްމަންޓަށް 360،000ރ. އަދި ސިންގަލް ސޯސްކޮށް ހަވާލުކުރި ވީޑިއޯ ޕްރެޒެންޓޭޝަނަށް 129،600،00ރ. އެވެ.
ދެ ވަނަ ބައްދަލުވުމުގެ ހަރަދުގެ ތަފްސީލް
- ޓީވީ ލައިވް: 34،607ރ.
- ބެނާ ޕްރިންޓުކުރުން: 34،992ރ.
- ފޮޓޯގްރަފަރަކާއި ވީޑިއޯގްރާފަރެއް: 18،000ރ.
- ބެނާ ދެމުމަށް: 5،702ރ.
- ފޮތް ޕްރިންޓުކުރުން: 2،235ރ.
- ބައްދަލުވުމުގެ އިވެންޓު މެނޭޖްމަންޓް: 360،00ރ.
- ބައްދަލުވުމުގެ ވީޑިއޯ ޕްރެޒެންޓޭޝަން: 129،600ރ.
ކައުންސިލުން ކުރާ މަސައްކަތްތަކަށް އާއްމުންގެ ހިޔާލު ހޯދަން ލާމަރުކަޒީ ގާނޫނުގެ ދަށުން ކޮންމެ އަހަރަކު ދެ ބައްދަލުވުން ބާއްވަ އެވެ. އޭގެ ފުރަތަމަ ބައްދަލުވުން ފެބްރުއަރީ މަހު އަދި ދެވަނަ ބައްދަލުވުން ޖުލައި މަހު ބާއްވަން ޖެހެ އެވެ.