މަޒުހަބީ ތައައްސުބްގެ ތެރެއަށް ވެއްޓުމުގެ ފުރުސަތު ނުދިނުމަށް އިލްތިމާސްއެއް
އިބްރާހިމް އިމާދު
26 މާޗް 2026 - 14:48
0 comments
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ސުންނީ އަދި ޝީއީ މަޒުހަބީ ތައައްސުބްގެ ތެރެއަށް ދިވެހި މުޖުތަމައު ވެއްޓިގެން ދިއުމުގެ ފުރުސަތު ނުދެއްވުމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އިލްތިމާސްކުރައްވައިފި އެވެ. 
ސުންނީ، ޝީއީ މަޒުހަބީ ބަހުސެއް ކުރިއަށް ދަނިކޮށް ޝަހީމް މިއަދު ވަނީ ފިރުގާތަކުގެ އަގީދާތައް އޭގެ އިލްމީ ހަގީގަތްތަކާ ހިލާފަށް ރައްޔިތުންނަށް އޮޅޭނެ ފަދަ ގޮތަކަށް ނުފެތުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ.މިނިސްޓަރު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ ސުންނަތް ޖަމާއަތުގެ ސައްހަ މަތިވެރި އަގީދާގެ މަތީގައި ގުރުއާނާއި ސުންނަތާއި ސަލަފުއް ސޯލިހުންގެ މަންހަޖުގައި އެތައް ގަރުނެއް ވަންދެން ސާބިތުކަމާ އެކު ދެމިތިބި ބައެއް ކަމަށެވެ."ސުންނަތް ޖަމާއަތުގެ މަތިވެރި އަގީދާގައި ރާއްޖެ ދެމިއޮންނާނެ، އިންޝާ ﷲ. މި އަސާސް ދެމެހެއްޓުމަށް ރައްޔިތުންނާއި އިލްމުވެރިންގެ އަރިހުން އެދެން،" ޝަހީމް ވިދާޅުވި އެވެ.އެމެރިކާ އާއި އިޒްރޭލުން ބައިވެރިވެ މި ފަހުން އީރާނަށް ދޭން ފެށި ހަމަލާތަކުގައި އީރާނުގެ އެންމެ އިސް ލީޑަރު އަލީ ހާމަނާއީ އަވަހާރަވުމުން، ސުންނީ އަދި ޝީއާ މުސްލިމުންގެ ބަހުސް ވަނީ ފެށިފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު