އިސްމާއިލް ރިޒާ
07 އޮކްޓޫބަރ 2026 - 19:34
0 comments
ދިރާގާއި ސޮނޭވާ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބިލިޓީ މޯލްޑިވްސް (ސޮނެވާ ސީއެސްއެމް) ގުޅިގެން ބ.ދަރަވަންދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް"އަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ދިރާގާ އެކު ޕާޓްނަޝިޕެއް ގާއިމްކޮށްފި އެވެ.
މި ޕާޓްނަޝިޕްގެ ތެރެއިން ސޮނެވާ ސީއެސްއެމްގެ ފަންނީ އެހީތެރިކަމާއި ތަޖުރިބާއާ އެކު، ދަރަވަންދޫގައި ގާއިމުވެ މަސައްކަތްކުރާ މަދަނީ ޖަމިއްޔާ، މުރަކަ ފާމްގެ އެއްބާރުލުމާ އެކު ދަރަވަންދޫ ފަރުގެ ދިރުން އާލާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.މި ޕްރޮގްރާމްގެ ތެރެއިން ފަރު ދިރުވާ އާލާކުރުމުގެ ފަންނީ މަސައްކަތް ދަސްކޮށްދީ، ޒަމާނީ ރިސާޗު އަދި ސައިންސްގެ އަލީގައި ދަރިވަރުންނާއި މިކަމަށް ޝައުގުވެރިވާ ވިޔަފާރިތަކުގެ ބައިވެރިންނާއި އާންމު ރައްޔިތުން ތަމްރީނުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.ޔުނެސްކޯ ބަޔޯސްފިއަ ރިޒާވްގައި ހިމެނޭ އަދި ހަނިފަރު ބޭއާ ކައިރީގައި އޮންނަ ދަރަވަންދޫގެ ފަރުތަކަކީ އެ ރަށުގެ ފަތުރުވެރިކަމަށާއި މަސްވެރިކަމުގެ އިތުރުން ރައްޔިތުންގެ ދިރިއުޅުމާ ވަރަށް ވެސް ބޮޑަށް ގުޅިފައިވާ ވަސީލަތެކެވެ.މި ޕްރޮގްރާމްގެ ދަށުން:- ފަރުތައް އާލާކުރުމާއި ބެލެހެއްޓުމުގެ އަމަލީ ތަމްރީނު ދަރަވަންދޫ ޒުވާނުންނަށް ފޯރުކޮށްދޭނެ
- 30-50 ނާސަރީ ސްޓްރަކްޗާ އެކުލެވޭ ގޮތަށް ކޮމިއުނިޓީ މުރަކަ ނާސަރީއެއް ގާއިމުކުރާނެ
- މުރަކަ އިންދުމާއި އާލާކުރުމުގެ މަސައްކަތްތަކަށް އެހީތެރިވާނެ
- ޒުވާނުންނަށް ހާއްސަ ތަމްރީނުތަކާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގާނެ
- މުޖުތަމައުގެ ބައިވެރިވުމާ އެކު ފަރުތަކުގެ ދިރުން އަލުން އިއާދަކުރުމަށް މި ޕްރޮގްރާމްގެ ތެރެއިން މަސައްކަތް ކުރާނެ
- މި ޕްރޮގްރާމް ދަށުން ހިންގާ ތަމްރީނުތަކާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކަށް ފަހު، މި އަހަރުގެ ފަހުކޮޅު ދަރަވަންދޫގައި ފަރުތައް އާލާކުރުމުގެ އަމަލީ ހަރަކާތްތަކާ އެކު ހާއްސަ ފެސްޓިވަލެއް ވެސް ބައްވާނެ
މި ޕާޓްނަޝިޕާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ދިރާގުގެ ސީނިއާ މެނޭޖާ ކޯޕަރޭޓް ސޯޝަލް ރެސްޕޯންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ އެ ޕްރޮގްރާމްގެ އެންމެ ހާއްސަ އެއް ސިފަ އަކީ މުޖުތަމައުގެ އިސްނެގުމާއި ފުރިހަމަ ބައިވެރިވުމާއެކު ދެމެހެއްޓެނިވި ގޮތަށް ކުރިއަށްދާނެ ކަމަކަށްވުން ކަމަށެވެ. އަދި އެ ޕްރޮގްރާމުގެ ދަށުން މުރަކަ އާލާކުރުމާއި، ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް ބޭނުންވާ ހުނަރާއި މައުލޫމާތު އަށަގަންނުވައި، އަންނަން އޮތް ޖީލުތަކަށް ތިމާވެށި ރައްކާތެރިކުރުމަށް އެހީތެރިކަން ފޯރުކޮށްދެވިގެން ދާނެ ކަމަށް ވިދާޅުވި އެވެ.
ސޮނޭވާ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބިލިޓީ މޯލްޑިވްސްގެ ޑައިރެކްޓާ އޮފް އޮޕަރޭޝަންސް، ޖޯހާނާ ލިއޮންހާޑް ވިދާޅުވީ މިފަދަ މަސައްކަތްތަކުން ދާއިމީ ނަތީޖާއެއް ހާސިލުކުރެވޭނީ، އެކަމަށް ބޭނުންވާ އިލްމާއި ހުނަރު މުޖުތަމައުތެރޭގައި ދިރުވައިގެން ކަމަށެވެ.
"ދިރުން ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ އަމަލީ ތަމުރީނު ތަކާއެކު މުޖުތަމައު ބާރުވެރިކުރުވާ، މުރަކަ އާލާކުރުމާއި ފަރުތައް ބެލެހެއްޓުމުގެ މަސައްކަތް އެ ރަށުގެ އިސްނެގުމުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުން." އޭނާ ވިދާޅުވި އެވެ.