ހުނައިދާ ޔާސިރު
02 ސެޕްޓެމްބަރ 2026 - 17:09
0 comments
ރާއްޖޭގެ 4 ރަށެއްގައި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީން ބުނީ އެ އެއްބަސްވުންތަކުގެ ދަށުން މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައި ވަނީ ހއ. ކެލާ، ހއ. މުރައިދޫ، ދ. ބަނޑިދު އަދި ބ. ކިހާދޫގައި ކަމަށެވެ.
ކެލާގައި ހިންގަން ހަވާލުކުރީ އެ ރަށުގެ ބަނދަރު އަޕްގްރޭޑް ކުރުމާއި ފިޝަރީޒް އިންފްރާސްޓްރަކްޗާއަށް ބިން ހިއްކުމުގެ މަޝްރޫއެކެވެ. އެ މަޝްރޫއު ހަވާލުކުރީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ހއ. މުރައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ކުރިއަށްގެންދަން ހަމަޖެހިފައިވަނީ އެ ރަށުގެ 139 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 56 މީޓަރުގެ ގްރޮއިން އެޅުމުގެ މަސައްކަތެވެ.
މުރައިދޫގެ އިތުރުން ކިހާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު އެ މަސައްކަތް ހަވާލުކުރީ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ބަނޑިދޫގެ ބަނދަރު ފުންކުރުމާއި ޖެޓީ ތަރައްގީކުރުމުގެ މަސައްކަތް ވެސް ފަސް މަސްދުވަހުގެ ތެރޭގައި ނިންމަން ވަނީ ހަވާލުކޮށްފަ އެވެ.
މި މަޝްރޫއުތަކުގެ އަގު މިނިސްޓްރީން އާންމުކޮށްފައެެއް ނުވެ އެވެ.
އެ އެއްބަސްވުންތަކުގައި ސޮއިކުުރުމަށް މިނިސްޓްރީގެ އިދާރާގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވެސް ބައިވެރިވެވަޑައިގަތެވެ.