ޚަބަރު
އެލްޖީއޭގެ ހުއްދައަކާ ނުލައި ކައުންސިލްތަކަށް މުވައްޒަފުން ނުނަގަން އަންގައިފި
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލިޔުމުން ހުއްދަ ލިބުމުން ނޫނީ ކައުންސިލްތަކަށް މުވައްޒަފުން ނުނަގަން އެ އިދާރާއިން ކައުންސިލްތަކަށް އަންގަން ފަށައިފި އެވެ.

އެލްޖީއޭގެ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ނިމާލު ސޮއިކުރައްވައި ކައުންސިލުތަކަށް ފޮނުވަން ފަށާފައިވާ ސިޓީގައި ބުނެފައިވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެ އޮތޯރިޓީން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ދައުލަތުގެ ބަޖެޓުންނާއި ކައުންސިލުގެ އާމްދަނީން ހަރަދުވާ ގޮތަށް ވެސް މުވައްޒަފުން ނެގޭނީ އެ އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދައިގެން ކަމަށް ހަމަޖައްސާފައިވާ ކަމަށެވެ.

ސިޓީގައިވާ ގޮތުން، ކައުންސިލްތަކުގައި އަލަށް އުފައްދާ ނުވަތަ ހުސްވާ ދާއިމީ މަގާމުތަކާއި ކަނޑައެޅޭ ވަކި މުއްދަތަކަށް ނުވަތަ ކަނޑައެޅޭ ވަކި މަސައްކަތްތަކެއް ކުރުމަށް "ކޮންޓްރެކްޓް އެމްޕްލޯއިމެންޓް" އަދި "ވޭޖް އެމްޕްލޯއިމެންޓް" ވަޒީފާތަކަށް މީހުން ނަގަންވާނީ އެ އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހު އެވެ. 

އެލްޖީއޭ އިން ބުނީ ވަގުތީ ބޭނުންތަކާއި ވަކި މަޝްރޫއުތައް ހިންގުމަށް ކޮންޓްރެކްޓް، ވޭޖް އަދި ކޮންސަލްޓަންސީ އާއި އެ ނޫން ވެސް އުޖޫރަދެވޭ އެއްވެސް ބާވަތެއްގެ ވަޒީފާއަކަށް މީހުން ނެގުމަށް އިއުލާންކުރަން ވާނީ ވެސް އެ އޮތޯރިޓީގެ ހުއްދަ ހޯދުމަށް ފަހު ކަމަށެވެ. 

އެހެންވެ، އިއްޔެ އިން ފެށިގެން އެ ނޫން ގޮތަކަށް އެެއްވެސް މުވައްޒަފަކު ކައުންސިލްގެ ވަޒީފާތަކަށް ނުގެނުމަށް އެ ސިޓީގައި އަންގާފައިވެ އެވެ. 

ލާމަރުކަޒީ ނިޒާމު ހިންގަން ކުރާ ހަރަދު ކުޑަކުރުމަށް ކަމަށް ބުނެ ސަރުކާރުން ގިނަ ބަދަލުތަކެއް އަންނަނީ މި ނިޒާމަށް ގެންނަމުންނެވެ. އެގޮތުން އަތޮޅު ކައުންސިލްތައް އުވައިލައިފައިވާއިރު އަނެއްކޮޅުން އެލްޖީއޭގައިވަނީ ކޮންމެ އަތޮޅަކަށް ޚާއްސަ އޮފީހެއް އުފައްދައިފަ އެވެ.

މީގެ އިތުރުން ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހުވަނީ ގެނެސްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު