ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނުކުރަން ޝަމްއޫން ހަމީދު އާއި ސަމާއުގެ ނަން
ދައުރު ހަމަވާން ގާތްވެފައިވާ، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މިހާރުގެ މެންބަރު ސަމާއު އަޙްމަދު ނަޖީބާއި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވައިފައިވާ ޝަމްޢޫން ޙަމީދުގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން، މެންބަރުކަމުގެ މުއްދަތު އޮކްޓޫބަރު 3، އަކަށް ހަމަވާނެ އެވެ.

އެހެންކަމުން އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުމުން، ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަނުކުރަން ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ޝަމްއޫން ހަމީދުގެ އިތުރުން، މިހާރު ވެސް އެ ގޮނޑި ފުރުއްވަމުން ގެންދަވާ ސަމާއު އަހުމަދު ނަޖީބުގެ ނަމެވެ.

ޝަމްއޫންއަކީ މީގެ ކުރިން އެޗްއާރުސީއެމްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި ބޭފުޅެކެވެ. އެ މަގާމަށް އޭނާ އައްޔަނުކުރީ ފެބްރުއަރީ 2012 ގަ އެވެ. ނަމަވެސް، އެޗްއާރުސީއެމްގެ ގަވާއިދަށް ގެނައި ބަލަކާ ގުޅިގެން ނޮވެމްބަރު 2016 ގައި އެ މަގާމުން އޭނާ ވަކިކުރި އެވެ.

އެ މަގާމުން އޭނާ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށްބުނެ އެ މައްސަލަ ޝަމްއޫންގެ ފަރާތުން ސިވިލް ކޯޓަށް ވެސް އޭރު ހުށަހެޅުއްވި އެވެ. ނަމަވެސް، އެ ކޯޓުން ނިންމާފައި ވަނީ އެޗްއާރުސީއެމްގެ އެސްޖީގެ މަގާމުން އޭނާ ވަކިކުރުމުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށެވެ.

އޮސްޓްރޭލިއާގެ ކުއީންސްލޭންޑުގައި ހުންނަ ގްރިފިތް ޔުނިވާސިޓީން ބެޗެލާ އޮފް މިއުޒިކް، އަދި ޔުނިވާސިޓީ އޮފް ސިޑްނީން މާސްޓާ އޮފް މިއުޒިކް (ކޮމްޕޮޒިޝަން) ފުރިހަމަކުރައްވައިފައިވާ ޝަމްޢޫން ވަނީ ހިންގުމުގެ ދާއިރާއިން އިސް މަގާމުތަކެއް ފުރުއްވައިފައެވެ. އެގޮތުން ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި އެޗްއާރުސީއެމްގެ އަމީންއާންމު ކަމާއި ނޭޝަނަލް ސެންޓަ ފޯ ދި އާޓްސްގެ ޑިރެކްޓަރު ޖެނެރަލްކަމާއި އެޑިއުކޭޝަން މިނިސްޓްރީގެ މިއުޒިކް ސުޕަވައިޒަރުކަމުގެ މަގާމު ހިމެނެއެވެ.

އޭނާ އެންމެ ފަހުން ފުރުއްވައިފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ހެރިޓޭޖް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު