ޚަބަރު
ޔާމީނާ ދެކޮޅަށް ހުރި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި
ކުރީގެ ރައީސް ޔާމީން - ފޮޓޯ: އަވަސް
ވ. އާރަށް ކުއްޔަށް ދެމުން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން އަލުން ބަލަން އެންގި އިރު ދައުލަތުން ހުށަހެޅި އާ ހެކިތައް އެއްފަރާތްކޮށްގެން އެ މައްސަލަ ކުރިއަށް ގެންދަން ހައި ކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށް، މިއަދު ހުކުމްކޮށްފި އެވެ.

ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވީ މިއަދު ހެނދުނު އެވެ. އަދި އެ މައްސަލައިގައި އާ ހެކި ބަލައިނުގަނެވޭނެ ކަމަށް ނިންމީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރުގެ ސުޖޫންގެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ތާއިދު ކުރެއްވި އެވެ. 

ޑިސެންބަރު 25، 2022 ގައި ދަށު ކޯޓުން ވަނީ އެ މައްސަލަ ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ނަމަވެސް ދިގުދެމިގެންދިޔަ ޝަރީއަތަކަށް ފަހު 2023 ވަނަ އަހަރުގެ ފަހުކޮޅު ހައިކޯޓުން ވަނީ އެ މައްސަލައިގައި ޔާމީންގެ މައްޗަށް ސާބިތުވި ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބަލަން އަންގައިފަ އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލައިގެ ގޮތެއް ނިންމަންދެން ކްރިމިނަލް ކޯޓުގައި އޮތް އާރަށު މައްސަލައިގެ ޝަރީއަތް ވެސް ވަނީ މަޑުޖައްސާލައިފަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމް އައި ގޮތުން ކްރިމިނަލް ކޯޓުން މައްސަލަ އަލުން ބަލާއިރު އާ ހެކިތަކަށް ރިއާޔަތް ނުކުރެވޭނެ އެވެ. 


އާރަށް މައްސަލާގެ އިތުރުން ރ. ފުއްގިރި މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް ވެސް މިހާރު ދަނީ ކުރިއަށެވެ.

އޭގެއިތުރުން ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާފައިވާ އެސްކްރޯ އެކައުންޓްގައި ބަހައްޓާފައި ހުރި ޔާމީންގެ އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ހޯދުމަށް އެ މަނިކުފާނު ދައުވާ ކުރައްވާ މައްސަލަ ހައި ކޯޓުގައި ވެސް އެބައޮތެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު