ދުނިޔެ
އިންޑިއާގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅަކަށް މޯދީ
އިންޑިއާގެ ބޮޑުވަޒީރު
އެންމެ ދިގު މުއްދަތަކަށް އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވި ކަމުގެ ޝަރަފު، ނަރެންދްރަ މޯދީއަށް ލިބިވަޑައިގެންނެވުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފި އެވެ.

މޯދީގެ ކުރިން، އިންޑިއާގައި އެންމެ ގިނަ ދުވަސްވަންދެން ބޮޑުވަޒީރުކަން ކުރެއްވީ އެ ގައުމުގެ ފުރަތަމަ ބޮޑުވަޒީރު ޖަވަރުލާލް ނެހްރޫއެވެ. އެގޮތުން ނެހްރޫ ވަނީ މެއި 13، 1952އިން ފެށިގެން މެއި 27، 1954ގައި އެމަނިކުފާނު އަވަހާރަވުމާ ހަމައަށް 4،398 ދުވަހު ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ.

ނަވާރަސަތޭކަ ސާޅީސް ހަތްވަނަ އަހަރު އިންޑިއާ މިނިވަންވުމަށްފަހު އެ ގައުމުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ނެހްރޫ އެ މަގާމަށް އިންތިޚާބުކުރީ 1952ވަނަ އަހަރެވެ. އެހެެންކަމުން މި މުއްދަތު ގުނަން ފަށައިފައިވަނީ 1952ވަނަ އަހަރު ނެހްރޫ ހުވާކުރެއްވި ހިސާބުން ފެށިގެންނެވެ.

މެއި 26، 2014އިން ފެށިގެން އިންޑިއާގެ ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވާ މޯދީ ވަނީ ބޮޑުވަޒީރުކަމުގައި އިއްޔެ 4،399 ދުވަސް ހަމަކުރައްވައިފަ އެވެ.

އެކަން ފާހަގަކޮށް، ރައީސް މުއިއްޒު މޯދީއަށް މަރުހަބާ ވިދާޅުވީ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

"ރާއްޖެއިން އެދެނީ އިހުތިރާމާއި އިސްތިގުލާލީ ހަމަހަމަކަމާއި ހިޔާލު އެއްގޮތް ކަންކަމުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވުން،" އެ ޕޯސްޓުގައި ރައީސް ވިދާޅުވި އެވެ. 

ރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 60 އަހަރު ވަނީ ވެފައެވެ. މި ގުޅުން މިއަދާއި ހަމައަށްވެސް ދެގޮތެއް ނުވެ ދަނީ ކުރިއަށްދަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު