ވަގަށް އެތެރެކޮށް، ވިއްކަމުން ދިޔަ ސިނގިރޭޓުތަކެއް ފުލުހުން ހޯދައިފި
ހުސެން ރަޝީދު
14 މެއި 2026 - 11:29
0 comments
ފުލުހުން އަތުލައިގަތް ސިނގިރޭޓު ފޮށިތަކެއް.-- ފޮޓޯ: ޕޮލިސް
ގަވައިދާ ހިލާފަށް ރާއްޖެ އެތެރެކޮށް ވިއްކަމުންދިޔަ ސިނގިރޭޓުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އެ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގަވާއިދާ ހިލާފަށް އެކި ބުރޭންޑްތަކުގެ ސިނގިރޭޓް ރާއްޖެއަށް އެތެރެކޮށް ވިއްކާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން މިއަދު ބުންޏެވެ.
އެގޮތުން އިއްޔެ ރޭ ހިންގި އެ އޮޕަރޭޝަންގައި މާލެ، ގަލޮޅު ގެއަކާއި ހުޅުމާލެ ފޭސް 2 އަމާން ދޯދި އެޕާޓްމަންޓަކާއި، ވޭންއެއް ބަލައިފާސްކޮށް 18 ކޭސް ދުންފަތާއި 75 ކާޓޫނު ސިނގިރޭޓް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވެ އެވެ.މި މައްސަލާގައި ހިމެނޭ ވޭން ޓޯކޮށްފައިވެ އެވެ އެކަމަކު މިކަމާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، މީގެ ކުރިން ވެސް ވަގަށް ގިނަ އަދަދެއްގެ ސިނގިރެޓް އެތެރެކުރި ބޮޑެތި މައްސަލަތަކެއް ފެންމަތިފައިވެ އެވެ.ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ހިންގި ތަފާތު އޮޕަރޭޝަންތަކުގައި 2 މިލިއަނެއްހާ ސިނގިރޭޓް އަތުލައިގަނެފައިވާ ކަމަށް ހޯމް މިނިސްޓަރު އިހުސާން މިދިޔަ މާޗު މަހު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން، 2024ގެ ފަހުކޮޅުން ފެށިގެން ސިނގިރޭޓުގެ އަގު ސަރުކާރުން ބޮޑުކުރުމާ އެކު އެކި ކަހަލަ ވަގު ބްރޭންޑްތަކުގެ ސިނގިރޭޓާއި އެ ނޫން ވެސް ވަގަށް އެތެރެކޮށްފައިވާ ސިނގިރޭޓު ވިއްކުން ވަނީ އާންމުުވެފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު