ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވާހަކަ ދައްކަވަނީ
ސަރުކާރުގެ ކެބިނެޓަށް ބަދަލު ގެނެސްފައި ވަނީ މިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ރެފަރަންޑަމްގެ ނަތީޖާ އައި ގޮތުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ކަމަށް އަލަށް އައްޔަން ކުރެއްވި މުހައްމަދު ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މުންދު ރޭ ވިދާޅުވީ ރައްޔިތުންގެ ހިތްހަމަޖެހޭ ފަދަ ބަދަލުތަކެއް ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި ފެންނާނެ ކަމަށެވެ. "ވަރަށް ހާމަކަން ބޮޑު ގޮތެއްގައި، ވަރަށް ސާފުކޮށް ދަންނަވަންޏާ، މިއީ ހަގީގަތުގައި ވެސް ނިމިގެންދިޔަ އިންތިހާބާ ގުޅިފައި އޮތް ކަމެއް،" ޔޫއޭއީގައި ސަފީރަކަށް ހުންނަވަނިކޮށް، ސަރުކާރު ހިންގުމަށް ގެނައި ބަދަލުގެ ތެރެއިން މިދިޔަ ބުދަ ދުވަހު ސަރުކާރުގެ އިސް ތަރުޖަމާނަކަށް އައްޔަން ކުރެއްވި މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވި ގޮތުގައި، މި ބަދަލުތައް ރައީސް ގެންނެވީ، ހަމައެކަނި ބަދަލެއް ގެންނެވުމުގެ ބޭނުންފުޅުގައެއް ނޫނެވެ.
އެގޮތުން، ވަރަށް ވިސްނުންތެރިކަމާ އެކު، މި ބަދަލުތައް ރައީސް މުއިއްޒު ގެންނެވީ، ސަރުކާރުގެ ހިންގުމުގެ އޮނިގަނޑު އިތުރަށް ހަރުދަނާކުރެވޭނެ ގޮތަށް ކަމަށް މުންދު ވިދާޅުވި އެވެ.އޭނާ ވިދާޅުވީ ސިޔާސީ މުވައްޒަފުންނަކީ ވެސް ދައުލަތުގެ ޓެކްސް ފައިސާއިން، ދައުލަތުގެ ބަޖެޓުން މުސާރަ ދެވޭ ބަޔަކަށް ވާތީ އޭނާއާ ހަވާލުކުރެވޭ މަސައްކަތް އެންމެ އެކަށީގެންވާ ވަރަށް އަދި އެންމެ ބޭނުންވާ ފެންވަރަށް ކުރަމުންދޭތޯ ސަރުކާރުން ބަލަން ޖެހޭނެ ކަމަށެވެ.ސިޔާސީ ވަޒީފާ ދޭނީ އޭރެއްގެ ވެރިކަންކުރާ ޕާޓީގައި ތިބި އަދި އެ ޕާޓީއަށް ހިދުމަތްކޮށް ވަފާތެރިކަމުގައި ތިބި ބަޔަކަށް ވީ ނަމަވެސް މަސައްކަތްނުކުރާނަމަ ދައުލަތުގެ ބަޖެޓުން މުސާރަ ދީގެން ނުބެހެއްޓޭނެ ކަމަށް މުހައްމަދު ހުސައިން ޝަރީފް ވިދާޅުވި އެވެ.
ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުގެ މަގާމާއި ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ އާއި ގިނަ ރަށު ކައުންސިލްތަކުގެ މެޖޯރިޓީ އަދި ރައީސްކަން ލިބުނީ ވެސް އިދިކޮޅު އެމްޑީޕީއަށެވެ. އޭގެ އިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނެގި ވޯޓުގައި 68 ޕަސެންޓު ރައްޔިތުން ބުނީ، ސަރުކާރުން ބޭނުންވި ގޮތަށް ދެ އިންތިހާބު އެއްކޮށްލަން ނުފެންނަ ކަމަށެވެ.