މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފިޔަވަޅުތަކެއް އަޅަން ފަށައިފި އެވެ.
އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ ހަރަދު ކުޑަ ކުރުމަށް މިދިޔަ އަންގާރަ ދުވަހުން ފެށިގެން ހަތް ފިޔަވަޅެއް އަޅަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ޝިފްޓް އުސޫލުން މަސައްކަތް ނުކުރާ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތުގެ ގަޑި ކުރަން ވަނީ ނިންމައިފަ އެވެ. އެމްޕީއެލްގެ އެ މުވައްޒަފުން މީގެ ކުރިން މަސައްކަތް ކުރަނީ ހެނދުނު 7:30 އިން 15:30 އަށެވެ. އާ އުސޫލުގެ ދަށުން އޮފީސް ގަޑި ނިމޭނީ 2:00 ގަ އެވެ.
އޮޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ދުވާލަކު އަށް ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ނުކުރެވޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ރާއްޖެއިން ބޭރަށް ކުރަން ޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ހުއްޓާލުމާއި ބޭރަށް މުވައްޒަފުން ފޮނުވައިގެން ކުރިޔަށް ގެންދާ ޓްރެއިނިން ޕްރޮގްރާމްތައް ވެސް އޮންލައިން ކޮށް ބައިވެރިވުމަށް ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ކުރި އިއުލާނުގައި ބުނެފައިވެ އެވެ.
ހަރަދު ކުޑަކުރުމަށް އޮޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ގަޑި ދުވާލަކު 8 ގަޑިއިރަށްވުރެ އިތުރުނުކުރުމަށް ނިންމި ނަމަވެސް، މާލޭ ވިޔަފާރި ބަނދަރުގެ މުދާ ބޭލުމާއި މުދާ ކްލިއަރކުރުމުގެ މަސައްކަތްތައް ހިނގާ ވަގުތުތަކަށް އެއްވެސް ބަދަލެއް ނުގެންނާނެކަމުގެ ޔަގީންކަން އެމްޕީއެލްއިން ދެއެވެ.