މައިންބަފައިންގެ ހެޔޮ ދުއާއަކީ ވަރަށް ބޭނުންތެރި ހަތިޔާރެއް: ހުތުބާ
އިބްރާހިމް އާދަމް
28 އޯގަސްޓް 2026 - 19:24
0 comments
ތ. ވިލުފުށީ މަސްޖިދު އުމަރު ފާރޫގް - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މައިންބަފައިންގެ ހެޔޮ ދުޢާއަކީ ވަރަށް މުހިންމު ބޭނުންތެރި ހަތިޔާރެއް ކަމަށާއި، މަންމައާއި ބައްޕަގެ ރުހުންލިބިއްޖެ ނަމަ، އެ މީހަކަށް މެދުވެރިވާ އެތައް މުޞީބާތަކުން މާތް الله އެ މީހަކު ސަލާމަތްކުރައްވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ހުތުބާގައި ބުނީ، މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރެއިން އެއްކަމަކީ މައިންބަފައިންނަށް އުރެދި އެ ބައިމީހުންނަށް ނުކިޔަމަންތެރިވުމާއި އެ މީހުން މުސްކުޅިވާ ދުވަހު އެ މީހުންނަށް އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށް ނުދިނުން ކަމަށެވެ. މައިންބަފައިންނަށް އިޙުސާންތެރިވުމަކީ މާތް الله އިންސާނާއަށް ކުރައްވައިފައިވާ ވަސިއްޔަތެއް ކަމަށާއި ވަޞިއްޔަތް ކުރައްވައިފައިވަނީ އެ ކަމުގެ މަތިވެރިކަމުން ކަމަށް ހުތުބާގައި ބުންޏެވެ."ކީރިތި ގުރްއާނުގައި އެތައް މަޤާމެއްގައި މައިންބަފައިންނަށް އިޙުސާންތެރިވުމަށް އަމުރުކުރައްވައިފައި ވޭ. މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ އިންސާނާގެ އުމުރުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމެއް. އެއީ ބާއްޖަވެރިކަމުގެ ތަނޅުދަޑި. ސުވަރުގެއަށް ވަނުމުގެ ދޮރެއްވެސް މެ. މައިންބަފައިންގެ ހެޔޮ ދުއާއަކީ ވަރަށް މުހިންމު ބޭނުންތެރި ހަތިޔާރެއް. މަންމައާއި ބައްޕަގެ ރުހުންލިބިއްޖެ ނަމަ، އެ މީހަކަށް މެދުވެރިވާ އެތައް މުސީބާތަކުން މާތް الله އެ މީހަކު ސަލާމަތްކުރައްވާ. މިކަން މިހެން އޮތް ހިނދު، މިކަން ހަނދާންނައްތައިލައި، މައިންބަފައިންނަށް ނިކަމެތިކޮށް ހިތައި، އެ މީހުން ހިތުގައި ޖައްސައި، ނުވަތަ އަޅައިނުލައި، ދޫކޮށްލައިފައިވަނީ ކިތައް މީހުން ހެއްޔެވެ؟"ހުތުބާ ނިންމާލަމުންވަނީ، އިޖުތިމާއީ ގޮތުންނާއި، އަހުލާގީ ގޮތުން މުޖުތަމައުތައް ފަސާދަވަނީ މާތް الله ދެއްވި މަތިވެރި ނިއުމަތްތައް ހަނދާންނައްތާލައި، ލިބިފައިވާ ތަނަވަސްކަމަށް ބޮޑާވެ، މާތް اللهއަށް އުރެދި ގާފިލުވުމުންކަން ހަނދާންކޮށްދީފަ އެވެ.ހުތުބާގައި ބުނީ، އެ ބިމެއްގައި މާތް الله ނުރުއްސަވާކަންތައް ގިނަވެ، މުންކަރާތްތަކާއި ފާޙިޝު ކަންތައްތައް ޢާންމު ވެއްޖެ ނަމަ، އެ މުޖުތަމަޢެއް ފަސާދަވެ ފަނާވެދާނެކަން ދަނެގެން މިފަދަ ކަންކަމުން މުޖުތަމައު ރައްކާތެރިކޮށް ދެމެހެއްޓުމަކީ އެ މުޖުތަމައެއްގެ އެންމެހައި ފަރުދުންނާއި، ޖަމާޢަތްތަކުގެ މައްޗަށް އޮތް ވަރަށް މަތިވެރި ވާޖިބެއްކަމަށެވެ.މީގެއިތުރުން، މުސްލިމުން އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އީމާންކަމުގެތެރެއިންވާ ކަމެއް ކަމަށްވުމާއެކު އިންސާނާ އޭނާގެ އަހާއަށް އެހީތެރިވެދިނުމުގައި ވާހައި ހިނދަކު، މާތް الله އޭނާއަށް އެހީތެރިވެވޮޑިގެންވާނެކަންވެސް ހުތުބާ ނިންމާލަމުން ހަނދާންކޮށްދީފައި ވެއެވެ.
ކިޔުންތެރިންގެ ޝުއޫރު